Last Updated: July 5, 20:34
Saturday, July 5, 2025
ދުނިޔެ

ބާރުގަދަ ބިންހެލުމެއްގައި އަފްގާނުން 1،000 މަރު

އަފްގާނިސްތާނަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 1،000 އަށް އަރައިފި އެވެ.

އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން ބުނީ ބިންހެލުމުގައި މިހާތަނަށް 1،000 މީހުން މަރުވެ ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި ގިނަ ގެތަކެއް ވެސް ބިމާ ހަމަވެފައިވާއިރު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތާލިބާނުން ބުނެ އެވެ.

މި ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 6.1 ގެ ބާރުމިނުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ބިންހެލުމުގެ އަސަރު އަފްގާންގެ ވެރިރަށް ކާބުލްގެ އިތުރުން އަވަށްޓެރި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވެސް ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް މިހާތަނަށް ޕާކިސްތާނުން އެއްވެސް މީހަކަށް ގެއްލުމެއްވިކަން ރިޕޯޓުކޮށްފައެއް ނުވެ އެވެ.

މިއީ މިފަހުން އަފްގާނިސްތާނަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

އަފްގާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސްފައިމިވަނީ އެގައުމުގެ ގިނަ ރައްޔިތުން ޒަރޫރީ ބޭނުންތައް ފުއްދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއްގަ އެވެ.