Last Updated: June 9, 07:00
Friday, June 9, 2023
ޚަބަރު

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުން ޖިނާއީ ކުށަކަށް ހަދަނީ

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ނިންމައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ އަމަންއާންމާއި، ރައްކާތެރިކަމާއި، އަހްލާޤީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުމެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މި އިސްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާ މައިގަނޑު ކަންތައްތައް:

1- އެހެން ޤައުމެއްގެ ދިދައަކަށް، ޤައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލުގެނައުން،
2- އެހެން ޤައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން،
3- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން،
4- އެހެން ޤައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުއިސްލާހު ކުރުމަށް ހުށަހެޅުމަށް ނިންމާފައިމިވަނީ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމުގެ މަސައްކަތް ކުރެވެމުން ދަނިކޮށެވެ. އެގޮތުން ރައިސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ އެފަދަ ކަންކަން މަނާ ކޮށްފައެވެ.