އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ލިބުމަކީ އަމާޒެއް ކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ފަޒްނާ މިފަދައިން ވިދާޅުވެފައިވަނީ ރުވާންޑާގެ ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީ.އެޗް.އޯ.ޖީ.އެމް) 2022 ގެ މަތީ ފަންތީގެ ބައްދަލުވުމުގެ ހަވާސާގައި "ރީ ތިންކިންގ މެންޓަލް ހެލްތު: އަ ކޮމަންވެލްތު ކޯލް ޓު އެމްޕަވަރ، ކެއަރ އެންޑް ޓްރާންސްފޯމް" ގެ ނަމުގައި ކުރިޔަށްދިޔަ ހަރަކާތުގައި ދެއްވި ވަރޗުއަލް ތަޤްރީރުގައެވެ.
އެގޮތުން އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ވަނީ ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުން އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައާއި ބޭނުންވާ ފަރުވާ ދިނުމުގައި ރާއްޖޭގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ފަރަޤުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ދާއިރާގެ ފަންނީ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ރާއްޖޭގެ ރަށްތައް ޤުދުރަތީ ގޮތުން އުފެދިފައި ހުންނަ ގޮތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން މި ދާއިރާއިން މީހުން ހޯދުމުގައި ހުރި ދަތިތަކާއި، ޚިދުމަތް ބޭނުންވާ މީހުން ގިނަވުމުގެ ސަބަބުން ޚިދުމަތް ހޯދަން އިންތިޒާރުގައި މަޑުކޮށްގެން ގިނަ ބަޔަކު އަބަދުވެސް ތިބެންޖެހޭކަން ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް މެޑަމް ފަޒްނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެކަމަނާ ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް އިތުރަށް ފުޅާކޮށް ނަފްސާނީ ބަލިތަކުގެ ފަރުވާވެސް އޭގެތެރޭގައި ހިމެނޭގޮތް ހެދުމާއި އެކަށޭނަ އަދި ޝާމިލު ގޮތެއްގައި ސައިކޯ ސޯޝަލް ސަޕޯޓް ކަށަވަރުކޮށްދިނުން ކަމުގައެވެ.
މީގެ އިތުރުން، ނަފްސާނީ ބަލިތަކާ ގުޅޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކަމަނާ ވަނީ ނަފްސާނީ ބަލިތަކާމެދު ދެކޭ ނުރަނގަޅު ގޮތްތައް ބަދަލުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.
"ރީތިންކިންގ މެންޓަލް ހެލްތު: އަ ކޮމަންވެލްތު ކޯލް ޓު އެމްޕަވަރ، ކެއަރ އެންޑް ޓްރާންސްފޯމް" ހަރަކާތަކީ ދިރިއުޅުމުގެ އެކި ފަންތިތަކުގެ މެދުގައި ހުރި ފަރަޤުތަކާއި ތަފާތުކުރުންތައް ނައްތާލުމާއި އަތްފޯރާ ފަށުގައި ޞިއްޙީ ޚިދުމަތްތައް ލިބުމަށް ބާރުއަޅައި ކޮމަންވެލްތުން ގެންގުޅޭ ސިޔާސަތަށް ބާރު ލިބޭގޮތަށް ކުރިޔަށްގެންދާ ހަރަކާތެކެވެ.