ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރުވާންޑާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރުވާންޑާގެ ވެރިރަށް ކިގާލީއަށް ވަޑައިގެންފި އެވެ.
މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސަށް ކިގާލީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ރުވާންޑާގެ މިނިސްޓަރ އޮފް ލޯކަލް ގަވަރމަންޓް ޜޯން-މަރީ ވިއަނޭ ގަތަބާޒީ އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅަކީ، ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާއި، ހެޔޮވެރިކަމާއި، ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި، ދުނިޔޭގެ ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު، ޚާއްޞަކޮށް ކޮމަންވެލްތުގެ މެންބަރު ޤައުމުތަކާއެކު ރާއްޖެއިން މަސައްކަތްކުރުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށެވެ.
މި ބައްދަލުވުމުގެ ހަވާސާގައި، ޤައުމުތަކުގެ ވެރިންނާ އެކު ބާއްވަވާ މަޝްވަރާ ބައްދަލު ކުރެއްވުންތަކުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސް މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިއީ 2020 ވަނަ އަހަރުގެ ފެބްރުވަރީ 1 ވަނަ ދުވަހު ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނު ފަހުން، ކޮމަންވެލްތްގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.