Last Updated: July 6, 17:26
Wednesday, July 6, 2022
ޚަބަރު

މަރަދޫ ސިއްހީ މަރުކަޒު ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރާކަށް ނޫޅޭ

މަރަދޫ ސިއްހީ މަރުކަޒު ކޮވިޑު ފެސިލިޓީއަކަށް ބަދަލު ކުރުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) އިން މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އޭއީއެޗްއިން ދޮގުކޮށްފިއެވެ.

އޭއީއެޗްގެ ދަށުން ހިންގާ މަރަދޫ ސިއްހީ މަރުކަޒު ކޮވިޑު ފެސިލިޓީއަކަށް ބަދަލު ކުރުމަށް ނިންމައި އެތަނުގައި އެޑްމިޓު ކުރެވިފައިވާ ބަލި މީހުން ފޭދޫ ސިއްހީ މަރުކަޒަށް ބަދަލު ކުރުމަށް ނިންމާފައިވާކަމަށް ބުނެ މަރަދޫގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން އިއްޔެ ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ޖަލްސާގައި މަރަދޫ ދާއިރާގެ ކައުންސިލަރު އަހުމަދު ނާދިރުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ވާހަކަތަކާއި ގުޅިގެން އޭއީއެޗްގެ އިސް އޮފިޝަލަކު މިއަދު އައްޑޫލައިވްއަށް ވިދާޅުވީ މަރަދޫ ސިއްހީ މަރުކަޒު ކޮވިޑު ފެސިލިޓީއަށް ބަދަކު ކުރުމަށް އޭއިއެޗްއިން އަދި މިހާތަނަށް ވިސްނާފައި ނުވާކަމަށެވެ. އަދި މި ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް އޭއީއެޗްއިން ބުނެއެވެ.

އޭއީއެޗްއިން ބުނީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ދެވޭ ހިދްމަތް ރަނގަޅުކޮށް އޭއީއެޗްގެ ސްޕެޝަލިސްޓު ޑޮކްޓަރުން އެސެންޓަރަށް ފޮނުވައިގެން މިހާރަށް ވުރެ ފަސޭހައިން ހިދްމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމަސައްކަތް ކުރަމުން އަންނަނީ އޭއީއެޗްއިން އައްޑޫ އަދި ދެކުނުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް އެކުލަވާލާފައިވާ ޕްލޭންތަކާއި އެއްގޮތަށްކަމަށް އޭއީއެޗްއިން ބުނެއެވެ.