ގަލޮޅު ދަނޑުގައި އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލްގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ވަނީ މުހައްމަދު އިސްމާއިލްއާއެކު އިތުރު ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
މުހައްމަދު އިސްމާއިލް ހައްޔަރުކުރިއިރު ފުލުހުން ވަނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން، މިއަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުން ކަމަށް ބުނެފަ އެވެ. ނަމަވެސް ޕީޕީއެމުން ވަނީ މިއަދުގެ ހަމަނުޖެހުމުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަނުޖެހުމުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް އޮތްނަމަ އެ ޕާޓީއަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން ވަނީ މީގެކުރިން ހަ މީހަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި ހަ މީހުންނަކީ ވެސް އުމުރުން 30 އަހަރުން މަތީގެ މީހުންނެވެ.
މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވެ އެވެ.