ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހު އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދުގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ނިޝާނާއި ފަޒްލޫން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލާއެކު އިތުރު ބަޔަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.
މިމައްސަލައާ ގުޅިގެން އިއްޔެ ދެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ/ އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ގއ. މާމެންދޫ / އަސްރަފީވިލާ، އަޙްމަދު ނަސޫޙް (26އ) އާއި ތ. ތިމަރަފުށި،/ ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު (31އ) އެވެ.
ފުލުހުން ބުނީ އެމީހުންގެ ތެރެއިން ނަސޫހް އާއި ރިފާފު 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މުޙައްމަދު އިސްމާޢީލް އާއި އިބްރާހިމް ރައްޒާންއަށް ދީފައިވާއިރު އާދަމް ނިޝާން އާއި ފަޟްލޫން މުޙައްމަދުއަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ.
އިއްޔެ ހައްޔަރުކުރި މީހުންނާއެކު މިމައްސަލައާ ގުޅިގެން މިހާތަނަށް ވަނީ 12 މީހަކު ހައްޔަރުކޮށްފަ އެވެ.