Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ވެރިކަމުގައި ތިބީ ދީން ގަބޫލުކުރާ ބައެއް ނޫން

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) - ފޮޓޯ: ޕީޕީއެމް

ވެރިކަމުގައި މިއަދު ތިބީ ދީނެއް ގަބޫލުކުރާ ބައެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ މި ސަރުކާރުން ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމުން ދެނީ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރުކަން ކަމަށާއި އަދި އިސްލާމްދީނަށް ގޮންޖެހުމުން ދެނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ކަމަށެވެ.

"އަޅުގަނޑު ދަންނަވާ ހިތް އޮތީ މިއަދު ދީނެއް، މަޒުހަބެއް، މިއްލަތެއް ގަބޫލުކުރާ ބަޔަކު ނޫނޭ މި ގައުމުގެ ވެރިކަމުގައި މިތިބީއެއް." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ވެރިކަމުގައި މިއަދު ތިބި ފަރާތްތަކަށް ރައްޔިތުން މުހިއްމު ނުވާ ކަމަށާއި ގައުމުގެ މިނިވަން ކަމަކީ އެއްވެސް އަގެއް ހުރި އެއްޗަކަށް ވެސް ނުވާ ކަމަށެވެ. އަދި މި ހުރިހާ ކަމެއް މިގޮތަށް ވެގެންދާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި މިކަމާ ދެކޮޅަށް ބަސް ބުނާނެ ސިޔާސީ ލީޑަރުން ނެތުމަކީ ހިތާމައެއް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

ރާއްޖޭގައި މިއަދު މިނިވަންކަމެއް ނެތް ކަމަށާއި މިނިވަންކަން އޮތްނަމަ ރާއްޖޭގެ ކަންކަން ހިނގާނީ އިންޑިއާ ސަފީރު އަންގާ ގޮތަކަށް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި މިއަދު ރާއްޖެ މިއޮތީ ރިޔާސީ އިންތިހާބުގެ މަސައްކަތެއް ކުރެވޭ ހާލަތުގައި ވެސް ނޫން ކަމަށާއި މިހާރު ރާއްޖެ ހިނގަމުންދާ ގޮތަށް ހިނގަމުންދާނަމަ ރިޔާސީ އިންތިހާބެއް އޮވެދާނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާގެ ހައި ކޮމިޝަނުން ނިންމަންވީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބާއްވާނެ ކަމެއް ނެތޭ. އެހާ ހިސާބުން އެކަން ނިމުނީ. ފުރަތަމަ ޖެހެނީ އަޅުގަނޑުމެންގެ އަތުން ގެއްލިގެން ގޮސްފައި އޮތް ބާރު އަލުން އަނބުރާ އަޅުގަނޑުމެންގެ އަތަށް ގެންނަން. އޭގެފަހުގައި 2023 ގެ ރިޔާސީ އިންތިހާބުގެ ވާހަކަ ދެއްކެން އޮތީ." އަދުރޭ ވިދާޅުވި އެވެ.