Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މުހައްމަދު އިސްމާއިލް ވަނީ ފްރޭމްކޮށްފައި: އިދިކޮޅު

މުހައްމަދު އިސްމާއިލް - ފޮޓޯ: ފޭސްބުކް

ގަލޮޅު ދަނޑުގައި އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް ވަނީ ފްރޭމްކޮށްފައި ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން މުހައްމަދު އިސްމާއިލްގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ދީފަ އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މުހައްމަދު އިސްމާއިލް އާއި ރައްޒާން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ ޙަޤީޤަތާއި ޚިލާފު ދޮގު ތުހުމަތުތަކެއްގައި ކަމަށާއި އެ ހަމަނުޖެހުމަކީ އިދިކޮޅު ކޯލިޝަން އަދި އެ ކޯލިޝަންގެ މެންބަރުންނާއި އެއްވެސް ގުޅުމެއް އޮތް ޙަރަކާތަކަށް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަން ސިޔާސީ ކުރުމުގެ ބޭނުމުގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން ފްރޭމް ކުރުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން ދީނީ ޢިލްމުވެރިން އެމީހުންގެ އަނބިންނާއި ދަރިން ކުރިމަތީ އަނިޔާވެރިކަމާއިއެކު ބުލީކޮށް ހައްޔަރު ކުރަމުން ގެންދާ ގެންދިއުން ބަލައިނުގަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ޖޫން 21ގެ ގެ ހާދިސާ އާއި ގުޅުވައިގެން ހައްޔަރު ކޮށްފައިވާ ކުށެއް ނެތް އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަން. ޖޫން 21 ގައި ހަމަނުޖެހުން ހިނގަން މެދުވެރިވެފައިވަނީ، ސަރުކާރުގެ ކަމާ ބެހޭ މުއައްސާސާ ތަކުން ގަސްތުގައި އެފަރާތްތަކުގެ ޒިންމާ އަދާ ނުކުރުމުން ކަމަށް ވަރަށް ބޮޑަށް ފެންނާން އޮތުމާއެކު، އެކަމުގެ ފުރިހަމަ ތަޙުޤީޤެއް ހިންގާ އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަން" އެ ބަޔާނުގައިވެ އެވެ.