Last Updated: April 24, 16:21
Wednesday, April 24, 2024
ޚަބަރު

އެމްއާރުސީސީގެ އާ އިމާރާތުގެ ބިންގާ އަޅައިފި

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތުގެ ބިންގާ އަޅައިފި އެވެ.

ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި މިކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އެވެ.

އެމްއެންޑީއެފުން ބުނީ ޖަޕާނު ސަރުކާރުގެ އެހީގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ހިންގާ މި މަޝްރޫޢަކީ ރާއްޖޭގެ ސަރޗް އެންޑް ރެސްކިއު ދާއިރާގެ ޚިދުމަތް އިތުރަށް ފުޅާކޮށް ޤާބިލިއްޔަތުކަން އިތުރުކުރުމަށް ފަށާ މަޝްރޫޢެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ އެމްއާރުސީސީ ބިލްޑިންގައި އެމްއާރުސީސީގެ އޮޕަރޭޝަން ރޫމާއި، ކުލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނެ އެވެ. މި އިމާރާތް ފަރުމާކުރެވިފައިވަނީ ސާޗް އެންޑް ރެސްކިޔުއާއި އެހެނިހެން ލޯ އެންފޯސްމަންޓް ޕްރޮގްރާމްތައް ހިންގޭނެފަދަ ވަސީލަތްތަކާއެކުގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖެއަކީ މެރިޓައިމް ކްރިމިނަލް އެކްޓިވިޓީތަކުގެ ތެރޭގައި ހިމެނޭ އައިޔޫޔޫ (އިލީގަލް، އަންރިޕޯޓެޑް އެންޑް އަންރެގިޔުލަރ) ފިޝަރީސްއާއި، ޕައިރެސީއާއި ހިއުމަން ޓްރެފިކިންގއާއި ނާކޯ ސްމަގްލިންގެ އިތުރުން ޤާނޫނާޚިލާފު މިފަދަ އެތައް ކަމަކަށް ހުށަހެޅިފައިވާ ޤައުމެއް ކަމަށެވެ.

އެގޮތުން ރާއްޖެއަކީ، ތިމާވެއްޓަށް އަސަރު ކުރުވާ މެރިޓައިމް ޑިޒާސްޓަރތައް ކަމުގައިވާ އޮއިލް ސްޕިލްސް ފަދަ ކަންކަމަށް ހުށަހެޅިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، މެރިޓައިމް އިކޮނޮމީއަކަށް ބަރޯސާވެފައިވާ ރާއްޖެއަށް މެރިޓައިމް އިމަޖެންސީ ރެސްޕޮންސް ނުހަނު މުހިންމު އެއްޗެއް ކަމުގައި މާރިޔާ ވިދާޅުވި އެވެ. އަދި އަލަށް ޤާއިމްކުރެވޭ އެމްއާރުސީސީގެ މިބިލްޑިންގްގައި އެކުލެވިފައިވާ ފެސިލިޓީތަކަކީ އެ ދާއިރާގެ ތަރައްޤީއަށް އެޅުނު އިތުރު ފިޔަވަޅެއް ކަމުގައި މާރިޔާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ މެރިޓައިމް ޑޮމެއިންއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގައި އެހީވަމުން އަންނަ ޤައުމެއް ކަމަށާއި، ޖަޕާނަކީ ރާއްޖޭގެ ވަރަށް ގާތް އަޚުވަންތަ ޤައުމެއްކަން ފާހަގަކުރައްވައި، މި މަޝްރޫޢުއަށް ޑޮނޭޓްކުރައްވާ ޖަޕާނު ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ޑިފެންސް މިނިސްޓަރ ޝުކުރު އަދާކުރެއްވި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ ކެޕޭސިޓީ ވަރުގަދަކުރުމުގެ ގޮތުން "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ފެބުރުވަރީ 21 ވަނަ ދުވަހު އެމްއާރުސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.