Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

އިލްމުވެރިންގެ ބާރު ކަނޑުވައެއް ނުލެވޭނެ: އިޔާޒް

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއް ލަތީފް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިލްމުވެރިންގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

އިޔާޒު މިހެން ވިދާޅުވެފައިވާއިރު ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ވަނީ ދެ އިލްމުވެރިއަކު ހައްޔަރުކޮށްފަ އެވެ. އެއީ ޝައިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހަތް ދުވަސް ޖަހާފަ އެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ޖަމިއްޔަތުއް ސަލަފަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އެ ޖަމިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަހުމަދު ސަމީރަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާލަތުގެ ފައިސާ ނަގައިގެން ލާދީނީ ފަރާތްތަކުން އިލްމުވެރިންގެ އަގުވައްޓާލައި، މަރުގެ އިންޒާރުދީ، އިލްމުވެރިންގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.

އެ ހަމަނުޖެހުމާ ގުޅިގެން ދެ އިލްމުވެރިއަކު ހައްޔަރުކޮށްފައިވާއިރު އިސްލާމިކް މިނިސްޓްރީން ވަނީ އެ ދެ އިލްމުވެރިންނަށް ދޫކޮށްފައިވާ ދަރުސް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފަ އެވެ.

ދެ އިލްމުވެރިންނާއެކު މި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 12 އަށް އަރާފަ އެވެ.