Last Updated: April 26, 23:00
Friday, April 26, 2024
މުނިފޫހިފިލުވުން

ބްރެޑް ޕިޓް ފިލްމު ކުޅުން ހުއްޓައިލަފާނެ

ފިލްމު ކުޅުން ހުއްޓާލުމުގެ ވާހަކަތަކެއް ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓް އަނެއްކާ ވެސް ދައްކައިފި އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 58 އަހަރުގެ އެކްޓަރު އެކްޓްކުރަން ހުއްޓައިލުމުގެ ވާހަކަތަކެއް މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ވަރަށް ބޮޑަށް މީޑިއާތަކުގައި ދެކެވުނެވެ. ޖީކިއު މަޖައްލާގެ އޮގަސްޓް މަހުގެ އެޑިޝަނަށް ދިން އިންޓަވިއުއެއްގައި އަނެއްކާ ވެސް ފިލްމު ކުޅުން ހުއްޓާލުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕިޓް ބުނެފައި ވަނީ މިއީ "ކެރިއަރުގެ ފަހު ދުވަސްތަކަށް ވެދާނެ" ކަމަށެވެ.

"އަހަރެން ގަބޫލު ވެސް ކުރަނީ މިއީ އަހަރެންގެ އެކްޓިން ކެރިއަރުގެ ފަހު ދުވަސްތަކަށް ވެދާނެ ކަމަށް." އަންނަ އޮގަސްޓް މަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ބްލެޓް ޓްރެއިން" ގެ ބަތަލު ބުންޏެވެ.

މަޝްހޫރު ތަރިން ކަމަށްވާ އެންޖެލީނާ ޖޯލީ އާއި ޖެނިފާ އެނިސްޓަނާ ކައިވެނިކުރި ޕިޓް ބުނި ގޮތުގައި ކެރިއަރުގެ މި ހިސާބަށް އައިސްފައި މިއީ މިހާރު މިއީ އޭނަގެ އެކްޓިން އަށް އަލްވަދާއު ކިޔަން ޖެހިފައި އޮތް "ސެމިސްޓާ" ނުވަތަ "ޓްރައިމިސްޓާ" އަށް ވެދާނެ އެވެ. "ބްލެޓް ޓްރެއިން" ގެ އިތުރުން ޕިޓްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބެބިލޯން" ވެސް ހިމެނެ އެވެ.

"އެކަމަކު އޭގެ ފަހުން ދެން ކުރާނީ ކީއް ކަމެއް ވާނީ ކިހިނެއް ކަމެއް ބުނާކަށް ނޭނގޭ." ޑައިރެކްޓަރު ކްއެންޓިން ޓެރަންޓީނޯ 2019 ގައި ގެނެސްދިން "ވަންސް އަޕޮން އައި ޓަމް އިން ހޮލީވުޑް" އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރު އޮސްކާ ލިބުނު ޕިޓް ބުންޏެވެ.

އެކްޓްކުރުން ހުއްޓައިލުމާ ދޭތެރޭ އޭނަ ފިކުރުކުރަމުން ދިޔަ ނަމަވެސް ފިލްމީ ދާއިރާ ދޫކޮށެއް ނުލާނެ އެވެ. ޕިޓް އަކީ ޕްލޭން ބީ އެންޓަޓައިންމަންޓްގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ހިންގައި އޭގެ ދަށުން ވެސް ފިލްމުތައް ގެނެސްދެމުން އަންނަ މީހެކެވެ. އޭނަ ޕްރޮޑިއުސްކޮށް ގެނެސްދޭން ހުރި ފިލްމުތަކުގެ ތެރޭގައި "ޝީ ސެއިޑް"، "ވިމެން ޓޯކިން" އަދި "ބްލޮންޑް" ހިމެނެ އެވެ.