Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އިހުސާން އެމްއެންޕީން ވަކިވެއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން މިދިޔަ އަހަރު އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކެޕްޓައިން ރިޓަޔާޑް އަލީ އިހުސާން ވަކިވަޑައިގެންފި އެވެ.

މަޝްހޫރު ވިޔަފާރި ކުންފުނި، ހެޕީ މާކެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ އިހުސާން އެމްއެންޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭރު އޭނާ ވިދާޅުވެފައި ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންނެވީ ރާއްޖެ އާއި ދިވެހިންގެ ހައްގުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރެއްވުމަށް ކަމަށެވެ. އަދި އެ ޕާޓީ އަކީ ޒުވާނުންނަށް ފުރުސަތު އޮތް ޕާޓީއެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ދީދީ (އައިބީ) ގެ ދަރިކަލުން އެމްއެންޕީން ވަކިވެވަޑައިގަތް ނަމަވެސް އެކަމާ ބެހޭ ގޮތުން އާންމުކޮށް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު އެ ޕާޓީން ވަކިވެވަޑައިގަތްކަން ޔަގީންކޮށް ދެއްވާފައިވެ އެވެ.

އެމްއެންޕީއާ އިހުސާން ގުޅިވަޑައިގަތް ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި އެ ޕާޓީގެ އަތޮޅުތެރޭގެ ފުރަތަމަ އޮފީސް އިހުސާން ނިސްބވަތްވެވަޑައިގަތްނަންވާ ރަށް، ފޭދޫގައި ހުޅުވުމަށާއި ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް ޕާޓީގެ އިސް ބޭފުޅުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައްޑު ކުރެއްވި ދަތުރުގައި ވެސް އެއްވެސް ގޮތަކަށް އިހުސާން ބައިވެރިވަޑައިނުގަންނަވާކަން ފާހަގަކޮށްލެވެ އެވެ. އަދި އެމްއެންޕީގެ އެއްވެސް ހަރަކާތެއްގައި އިހުސާން އުޅުއްވާ ތަނެއް ވެސް ނުފެނެ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް އިސްކޮށް ތިއްބަވާ އެމްއެންޕީ އަކީ މިދިޔަ އަހަރުގެ ހުލައި މަހުގެ ތެރޭގައި ވުޖޫދަށް އައި ޕާޓީއެކެވެ.