Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު

"ފްލޯޓިން ސިޓީ" ޕްރޮޖެކްޓަށް އިންޓަގްރޭޓް ޓޫރިޒަމް

ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައި އޮތް ފްލޯޓިން ސިޓީ ޕްރޮޖެކްޓެއް ބަދަލުތަކެއް ގެނެސް އަލުން އެއްބަސްވުމުގައި ރޭ ސޮއިކޮށްފި އެވެ.

ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން މާލެ އަތޮޅުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ފްލޯޓިން ސިޓީ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނެސް އާ އެއްބަސްވުމެއްގައި ރޭ މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އެވެ. ޑަޗް ޑޮކްލޭންޑްސްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޕޯލް ވެން ޑީ ކޭމްޕެވެ.

މިނިސްޓްރީން ބުނީ މިއީ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލް އަށް ކުރިއަށް ގެންދާ ގޮތަށް ބަދަލުކުރުމަށް ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށާއި އެ މަޝްރޫއު ހިންގަމުން އަންނަ މޮޑެލް ބަދަލުކުރުމަށް ޓްރާންސްފާ ފީއެއްގެ ގޮތުން 1،000،000 ޑޮލަރު ސަރުކާރަށް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަން އެ ގޮތަށް ނިންމަން ޖެހުނީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް ދެމެހެއްޓުމަށް ބޭނުންވާތީ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޑަޗް ޑޮކްލޭންޑްސް އިން ބުނީ ފްލޯޓިން ސިޓީ ޕްރޮޖެކްޓަށް އަލަށް ގެނައި ބަދަލުތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މި މަޝްރޫއު އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ބަދަލުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއީ ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މީގެ އެއްބަސްވުމުގައ ފުރަތަމަ ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 9 ގަ އެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ" ގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގަން ރާވާފައިވާ މި މަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓް އަޅާ ގޮތަށް ޕްލޭންކޮށްފައިވެ އެވެ. ފްލޯޓިން ސިޓީއާ ގުޅުވައިގެން ޔޮޓް މެރީނާ އާއި ރިސޯޓާއި ޕިކްނިކް އައިލެންޑްތައް ހަދަން ޕްލޭންކޮށްފައިވެ އެވެ. އަދި ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

ޕްރޮޖެކްޓަކަށް ގެނައި ބައެއް ބަދަލުތަކާ އެކު އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް އެ ޕްރޮޖެކްޓްގައި ޓޫރިސްޓު ރިސޯޓެއްގެ އިތުރުން، އާންމުން ދިރިއުޅޭނެ ގެތައް ވެސް އަޅާނެ އެވެ.

މި ޕްރޮޖެކްޓް އެއްބަސްވުން ސަރުކާރުން އާކޮށްފައި މި ވަނީ މި މަޝްރޫއު މިހާރު ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ނަޝީދު މި ހަފުތާގެ ތެރޭގައި ވިދާޅުވެފައި ވަނިކޮށެވެ. ނަޝީދު ވިދާޅުވީ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމީ އެ މަނިކުފާނުގެ ނަން އެ ޕްރޮޖެކްޓްގައި ޝާމިލުވާތީ ކަމަށެވެ.

ރޭ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲް މައުސޫމް ވިދާޅުވީ އެގްރިމެންޓަށް ބަދަލުތަކެއް ގެނެސްފައި ވަނީ ޓޫރިޒަމް ދާއިރާ ޑައިވާސިފައި ކުރަން ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް ގެނައި ހަމައެކަނި ބަދަލަކީ ޑިވެލޮޕްކުރާ ކޮންސެޕްޓް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެގްރީމެންޓްގެ ދަށުން ހަދާ އިންޓަގްރޭޓެޑް އައިލެންޑުގައި މަދުވެގެން ދެ ޕްރޮޕަޓީ ހަދަން ޖެހޭނެ އެވެ.

"ރިސޯޓެއް އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓަކަށް މި ބަދަލު ކުރެވުނީ. އަޅުގަނޑުމެން ކުރިން ރިސޯޓު ހަދަން ނިންމާފައި އޮތް ފަޅު އިންޓަގްރޭޓެޑް މޮޑެލްއަށް ބަދަލުކޮށްލީ،" މނިސްޓަރު ވިދާޅުވި އެވެ. "މި ބަދަލުކޮށްލުމަކީ އޭގެ ޒާތުގައި ޓްރާންސްފާ ފީއެއްގެ ގޮތުގައި އެއް މިލިއަން ޑޮލަރު ލިބޭ ގޮތަށް އޮންނަ ކަމެއް މިއީ."