Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކައުންސިލަށް ނާންގައި ދެން ހިތަދޫ ބަނދަރަކަށް ނުވަދެވޭނެ!

* ހިތަދޫ ބަނދަރަށް ވަނުމުގެ 3 ގަޑި އިރު ކުރިން ކައުންސިލަށް އަންގަން ޖެހޭނެ
* ބަނދަރުގެ އިންސްޕެކްޓަރުން އަންގާ އިރުޝާދުތަކަށް ބޯލަބަން ޖެހޭނެ
* ޖޫން 22 ގެ ފަހުން ހިތަދޫ ބަނދަރުން ފީ ނަގާނެ

ހިތަދޫ ބަނދަރު ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން، ފޮޓޯ: އިބްރާހިމް އަބްދުﷲ

ހިތަދޫ ބަނދަރަށް ވަންނަ އުޅަނދުތަކުން ބަނދަރަށް ވަނުމުގެ ކުރިން އައްޑޫ ކައުންސިލަށް އަންގަން ޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހިތަދޫ ބަނދަރަށް އަންނަ އުޅަނދު ފަހަރުތަކުން ބަނދަރަށް ވަނުމުގެ ކުރިން އަންގަވައި ދެއްވުމަށާއި، ބަނދަރު އިންސްޕެކްޓަރުން ދެއްވާ އިރުޝާދަށް އަމަލު ކުރެއްވުމަށް އާއްމުކޮށް އަންގާ ކަމަށެވެ.

އައްޑޫ ކައުންސިލުން ބުނީ ބަނދަރުތަކުން ފީނެގުމުގެ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން، މި މަހުގެ 22 އިން ފެށިގެން ހިތަދޫ ބަނދަރު ބޭނުންކުރާ ފަރާތްތަކުން ފީނަގަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެތާރީޚުން ފެށިގެން ބަނދަރަށް އަންނަ އުޅަނދު ފަހަރުން، ބަނދަރަށް ވަނުމުގެ 03 (ތިނެއް) ގަޑިއިރު ކުރިން 7789042 ނަންބަރު މޮބައިލް ފޯނަށް ގުޅުއްވާ ނުވަތަ ވައިބަކޮށްގެން ބަނދަރުކުރާކަން އަދި ބަނދަރު ކުރެވޭނެ ކަމަށް ލަފާކުރެވޭ ގަޑި އަންގަން ޖެހޭނެ ކަމަށެވެ.

އަދި ހެދިފައިވާ ޤަވާއިދާއި، އުސޫލާއި ގުޅޭގޮތުން ބަނދަރު އިންސްޕެކްޓަރުން ދެއްވާ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ކުރުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ ބަނދަރުން ނެގުމަށް ނިންމާފައިވާ ފީ:

ފައްތިޔާލުމަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500 ރުފިޔާ. އަދި އެ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އަދި ފައްތިޔާގެ ގޮތުގައި އެކި ސައިޒްގެ އުޅަނދުތަކުން ނަގާ އަގުތައް ތަފާތުވާނެ އެވެ.

* 29 ފޫޓުން ދަށުގެ އުޅަނދުތަކުން އަހަރަކު 250ރ.
* 39-59 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކަށް 500ރ.
* 60-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކު 750ރ.
* 100 ފޫޓަށް ވުރެ ބޮޑު އުޅަނދުތަކުން އަހަރަކު 1،000ރ.

މީގެ އިތުރުން އެއްގަމު ތޮއްޓަށް ދިގަށްވާ ގޮތަށް އުޅަނދުތައް އައްސާ ނަމަ އެކަމަށް ވެސް ހުއްދަ ނަގަން ޖެހޭނެ އެވެ. އެ ހުއްދަ ދޫކުރާނީ 50ރ. އަށެވެ. އަދި އެގޮތަށް ބާއްވާ އުޅަނދުތަކުން ގަޑިއަކަށް ވަކި ވަރެއް ނަގަން ނިންމާފައިވެ އެވެ.

* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ.

މީގެ އިތުރުން މުދާ ބޭލުމާއި ބަރުކުރުމާއި އެހެނިހެން ބޭނުންތަކަށް އެއްގަމުތޮށި ބޭނުންކުރާ ނަމަ އައްސާފައި ބާއްބާ ވަގުތަކަށް ފީ ދައްކަން ޖެހޭނެ އެވެ.

* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ.

ކައުންސިލުން ބުނި ގޮތުގައި 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު އެއްގަމުތޮއްޓާއި ކަނޑުތޮށީގެ ހުރަހަށްވާ ގޮތަށް އުޅަނދުތައް އެޅޭނީ ވެސް 50ރ. ގެ ފީއެއްގެ ހުއްދައަކާ އެކީގަ އެވެ. އަދި އެފަދަ ހާލަތްތަކުގައި ނަގާނެ ފީތައް ވެސް ކަނޑައަޅާފައިވެ އެވެ.

* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ.

އައްޑޫ ކައުންސިލުން ބަނދަރުތަކުން ފީނެގުމަށް ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނުގެ 78 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ ކައުންސިލްތަކުން ދޭ ހިދުމަތަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ކަނޑައަޅައި ފީނެގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންވާކަމަށެވެ. އަދި މިގޮތުން ނަގާ ފީ ކަނޑައަޅަންވާނީ އެތަނެއްގެ ރައްޔިތުންނާއި މަށްވަރާކުރުމަށްފަހު ދިވެހިރާއްޖޭގެ ގާނޫނާ ހިލާފުނުވާ ގޮތުގެމަތިންކަމަށެވެ.

ހިތަދޫ ބަނދަރުން ފީ ނެގުމަށް ކައުންސިލުން ނިންމީ ބަނދަރު ބޭނުންކުރާ ފަރާތްތަކާއި މަޝްވަރާ ކުރުމެއްނެތި ކަމަށް ބުނެ އޮޑިވެރިންނާއި ބަނދަރު ބޭނުން ކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ހިތަދޫގެ ބައެއް އޮޑިވެރިން ބުނީ ބަނދަރުން ފީ ނެގުމަށް ކައުންސިލުން ނިންމުމަކީ ލަދުވެތިކަމެއް ކަމަށެވެ. ސަބަބީ ހިތަދޫގައި އަދި ބަނދަރެއް ހެދިފައި ނެތުމެވެ. ހިތަދޫގައި އޮތީ އެއްގަމު ތޮއްޓެކެވެ. އަދި ހިތަދޫ ބަނދަރުން އެއްވެސް ހިދްމަތެއް ނުދެވޭއިރު ކައުންސިލުން ފީ ނެގުމަކީ ޖޯކެއް ކަމަށް އާއްމުން ދަނީ ބުނަމުންނެވެ.