Last Updated: April 20, 17:32
Saturday, April 20, 2024
ޚަބަރު

ފަތުވާ ކައުންސިލް އޮތީ ޕެރެލައިޒްކޮށްފައި: ޝަހީމް

ރާއްޖޭގައި މިހާރު ދީނީ މައްސަލަތައް ބޮޑުވަމުންދާ އިރު ދީނީ ކަންކަމުގައި ރަސްމީ ފަތުވާ ދިނުމަށް އުފައްދާފައިވާ ފަތުވާއާ ބެހޭ އެންމެ މަތީ މަޖިލިސް ޕެރެލައިޒްކޮށްފައި އޮތުން އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ދައުލަތުގައި ފަތުވާގެ ރަސްމީ ހަރުދަނާ ނިޒާމެއް ގާއިމު ކުރަން ޖެހިފައިވާ ކަމަށެވެ.

"ކުރީގެ ސަރުކާރުން ޤާނޫނަކުން ފަތުވާ ކައުންސިލް އުފައްދައި މެންބަރުން ޢައްޔަންކުރި. އެ ފަރާތްތަކުގެ ޓާމް ހަމަވުމުން މެމްބަރުން ޢައްޔަންނުކޮށް އޮންނަތާ ދިގު މުއްދަތެއްވެއްޖެ،" ޝަހީމް ވިދާޅުވި އެވެ. "މި ގޮތަށް އެ މުއައްސަސާ ޕެރަލައިޒްކޮށްލުމުގެ ނަތީޖާ އަކީ އެ ޒިންމާ ދައުލަތް ނޫން އެހެން ފަރާތްތަކުން ނެގުން."

އޭނާ ވިދާޅުވީ ސިޔާސީީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކު ފަތުވާ ކައުންސިލަށް ޢައްޔަންކުރުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"މި ޒަމާނުގެ އިސްލާމީ ޔުނިވަސިޓީތަކުން ތަޢުލީމު ޙާޞިލްކޮށްފައިވާ، ސިޔާސީީ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތައް ފަތުވާ ކައުންސިލަށް އައްޔަންކޮށް ފަތުވާގެ ރަސްމީ ޢިލްމީ ޞައްޙަ މަޞްދަރު ކަށަވަރުކޮށް ގައުމުގެ ދީނީ އެއްބައިވަންތަކަށް ޙިމާޔަތްކުރުމަށް މި ފުރުޞަތުގައި އިލްތިމާސްކުރަން." ޝަހީމް ވިދާޅުވި އެވެ.