Last Updated: April 27, 06:22
Saturday, April 27, 2024
މުނިފޫހިފިލުވުން

ޖާންވީ ބޭނުމީ އޭނައާ ހެދީ ވަރަށް އުޅޭ މީހެއް

ހަޔާތުގެ ބައިވެރިއަކަށް ބޭނުން ވަނީ އޭނައާ ހެދީ ވަރަށް ވަރުން އުޅޭ ސަކަ މިޒާޖުގެ މީހެއް ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް ބުނެފި އެވެ.

ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ބައިވެރިޔާ އަކީ ވަރަށް ހުނަރުވެރި މީހަކަށް ވެސް ވާން ޖެހޭނެ އެވެ.

"ހާއްސަކޮށް އޭނަ އަކީ އޭނަ ކުރާ ކޮންމެ ކަމެއްގައި ވެސް ވަރަށް ހުނަރުވެރި މީހަކަށް ވާން ޖެހޭނެ. އަދި ކުރާ ކޮންމެ ކަމެއް ވެސް އެކަމަކާ ވަރަށް ވެގެން ޝައުގުވެރިކަމާ އެކު މަސައްކަތްކުރާ މީހަކަށް ވާން ޖެހޭނެ." ޖާންވީ ބުންޏެވެ.

ދެހާސް އަށާރައިގައި ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ނުކުތް 25 އަހަރުގެ ބަތަލާ ބުނި ގޮތުގައި ބައިވެރިޔާ އަކީ އަބަދު ވެސް އޭނާ ހެއްވާލެވޭ ކަހަލަ މީހަކަށްވުން ވެސް ވަރަށް މުހިއްމެވެ.

"އަދި އެންމެ މުހިއްމު ކަމަކީ އޭނަ އަކީ އަހަންނާ ހެދި ވަރަށް ވަރުން އުޅޭ މީހަކަށް ވާން ޖެހޭނެ." ޖާންވީ ބުންޏެވެ.

ޖާންވީ ލޯބީގެ ގުޅުމާ ބެހޭ ގޮތުން މިހާތަނަށް ދެކެވިފައިވާ ވާހަކަތަކަށް ބަލާ އިރު، އޭނަގެ އަލަތު ފިލްމު "ދަޅަކް" ގެ އެކްޓަރު އިޝާން ހައްތަރުއާ ރައްޓެހިވިކަމުގެ ވާހަކަތަކެއް ކުރިން ވަރަށް ގަދައަށް ދެކެވުނެވެ. އެކަމަކު ދެ ތަރިން ވެސް ބުނެފައި ވަނީ އެކީގައި މަސައްކަތްކުރާ އިރު، އޮންނަން ޖެހޭ ގުޅުމެއް ފިޔަވައި ދެ މީހުންގެ މެދުގައި އެއްވެސް އިރެއްގައި އެހެން ގުޅުމެއް ނެތް ކަމަށެވެ.

އިޝާނަކީ އެކްޓަރު ޝާހިދު ކަޕޫރްގެ ކޮއްކޮ އެވެ. އޭނަ ފަހުން ރައްޓެހިވި ކަމަށް އަޑުއެރީ 2020 ގެ ފިލްމު "ކާލީ ޕީލީ" ގެ ބަތަލާ އަނަންޔާ ޕާންޑޭ އެވެ. މި އަހަރުގެ ކުރީކޮޅު އެ ދެ މީހުން ރުޅިވެއްޖެކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

އެކްޓަރު އަރުޖުން ކަޕޫރްގެ ކޮއްކޮ ޖާންވީ މިހާރު އަންނަނީ އޭނަގެ ކުރިއަށް އޮތް ފިލްމު ޕްރޮމޯޓްކުރަމުންނެވެ. އެއީ އަންނަ މަހުގެ 29 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ގުޑް ލަކް ޖެރީ" އެވެ.