Last Updated: April 19, 06:56
Friday, April 19, 2024
މުނިފޫހިފިލުވުން

އަދުނާން ސާމީ އާއި ސުޝްމިތާ ރާއްޖޭގައި

ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެން އާއި ލަވަކިޔުންތެރިޔާ އަދުނާން ސާމީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ސުޝްމިތާ އާއި އޭނަގެ އެޑޮޕްޓްކުރި ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ރެނީ ސެން، 21، ރާއްޖޭގެ ޗުއްޓީގެ ދަތުރުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި އާންމުކޮށްފައިވެ އެވެ. އެކަމަކު އެ މީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް ޕޯސްޓްތަކުގައި ހާމަކޮށްފައެއް ނުވެ އެވެ.

ސުޝްމިތާ، 46، އަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ބަތަލާއެކެވެ. އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ އަހަރުތަކެއް ފަހުން 1994 ގެ މިސް ޔުނިވާސް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން ވެބް ސީރީޒް "އާރިއާ" އިންނެވެ.

މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ އަދުނާން ސާމީ، 50، މިހާރުގެ އަންހެނުންނާއި ދަރިފުޅާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުޑަ ވިލިގިލި ރިސޯޓްގަ އެވެ. މި ދަތުރުގެ ފޮޓޯތައް އޭނަގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. ޕާކިސްތާނަށް އުފަން އަދުނާން ސާމީ އިންޑިއާގެ ރަށްވެހިކަން ހޯދައި މިހާރު ދިރިއުޅެމުން އަންނަނީ އެ ގައުމުގަ އެވެ. މިހާތަނަށް އެތައް އަލްބަމެއްގެ ނެރުމުގެ އިތުރުން ހިންދީ ފިލްމުތަކަށް އޭނާ ލަވަ ކިޔައިދީފައިވެ އެވެ.

ކުރިން ވަރަށް ފަލަކޮށް ހުރި ނަމަވެސް މިހާރު ވަރަށް ފިޓްކޮށް ހުންނަ ލަވަކިޔުންތެރިޔާ އަކީ ޕާކިސްތާންގެ އެކްޓަރު/ލަވަކިޔުންތެރިޔާ އަޒާން ސާމީ ޚާން، 29، ގެ ބައްޕަ އެވެ. ދާދި ފަހުން ހަމް ޗެނެލުން ނިންމައިލި ސިލްސިލާ "އިޝްގް ގިލާ" އަކީ އަޒާން ބަތަލުގެ ރޯލު ކުޅުނު އެއްޗެކެވެ. އޭނަގެ މަންމަ އަކީ ރިޝީ ކަޕޫރާ އެކީ 1991 ގެ "ހެނާ" ކުޅުނު ޕާކިސްތާނުގެ ބަތަލާ ޒޭބާ ބަޚްތިޔާރެވެ.