Last Updated: April 24, 21:40
Wednesday, April 24, 2024
މުނިފޫހިފިލުވުން

"ބިގް ބޮސް 16" އަށް ތައްޔާރުވާން ފަށައިފި

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 16 ވަނަ ސީޒަނަށް ތައްޔާރުވާން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ އަހަރުގެ ފަހުކޮޅު ގެނެސްދޭން ފަށާނެ ކަމަށް ބެލެވޭ އާ ސީޒަނަށް، އެ ޝޯ ގެނެސްދޭ ކަލާޒް ޗެނެލުން މިހާރު ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެކަމަކު އަދި މިހާތަނަށް ޝޯއާ ބެހޭ އެއްވެސް ވާހަކައެއް ރަސްމީކޮށް އެ ޗެނެލުން ހާމައެއްނުކުރެ އެވެ. އާންމު ގޮތެއްގައި "ބިގް ބޮސް" ގެ ސީޒަންތައް ގެނެސްދެނީ އަހަރުގެ ސެޕްޓެމްބަރު/އޮކްޓޯބަރު ހިސާބުގައި ކަމަށްވާތީ މި އަހަރުގެ ސީޒަން ވެސް އެ ހިސާބުގައި ގެނެސްދިނުމުގެ ފުރުސަތު ބޮޑެވެ.

ކަލާޒް އިން އަންނަ މަހުގެ 2 ގައި ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ "ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަން ގެނެސްދޭން ނިންމާފައިވާތީ "ބިގް ބޮސް 16" ގެނެސްދޭނީ އެ ޝޯ ނިންމައިލުމަށް ފަހު ކަމަށް ބެލެވެ އެވެ. އަދި ކުރިއެކޭ އެއްގޮތަށް ސަލްމާން ޝޯ ހޯސްޓް ވެސް ކުރާނެ އެވެ. މި ސީޒަން ވާނީ އޭނަ ހޯސްޓްކުރާ 13 ވަނަ ސީޒަނަށެވެ.

ސޯޅަ ވަނަ ސީޒަން ހޯސްޓްކުރާނެކަން މި މަހުގެ ކުރީކޮޅު އަބޫ ދާބީގައި ބޭއްވި އައިފާ އެވޯޑްސްގެ ހަވާސާގައި ސަލްމާން ކަށަވަރުކޮށް ދީފައިވެ އެވެ.

މިދިޔަ އަހަރު ގެނެސްދިން "ބިގް ބޮސް 15" ކާމިޔާބުކުރީ ޓީވީ ބަތަލާ ތޭޖާސްވީ ޕްރަކާޝް އެވެ.