Last Updated: April 24, 23:11
Thursday, April 25, 2024
މުނިފޫހިފިލުވުން

ނީލަމް ރިނބުދޫ ކުދިންތަކަކާ އެކީ

ބޮލީވުޑްގެ ކުރީގެ ބަތަލާ ނީލަމް ކޮތާރީ ވަނީ މިދިޔަ ހަފުތާގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށް އެނބުރި އިންޑިއާ އަށް ގޮސްފަ އެވެ. މި ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވެސް އޭނަ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެެ.

މި ފޮޓޯތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ފޮޓޯ އަކީ ދ. ރިނބުދޫ ކުދިންތަކަކާ އެކީ ނީލަމްގެ ދެމަފިރިންނާއި ދަރިފުޅު ނަފގާފައިވާ ފޮޓޯއެކެވެ. ރިނބުދޫގެ އިމާރާތެއްގެ ފާރުގައި ކުރަހާފައިވާ ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މަންޒަރުރަކެއް ވެސް ފެންނަ ފޮޓޯތަކާ ވެސް އެކީ ނީލަމް ބުނީ މިއީ އޭނަގެ ދަތުރުގެ ތެރެއިން ރިސޯޓުން އިންތިޒާމުކުރި ދަތުރެއްގެ ތެރެއިން ކައިރި ރަށަކަށް ގޮސް ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.

ރިނބުދޫ ކުދިންތަކަކާ އެކީ ނީލަމްގެ އާއިލާ ފެންނަ ފޮޓޯގައި ފެންނަ ކުދިން ތިބީ ސަގާފީ ހެދުމުގަ އެވެ. ފޮޓޯ އިން ފެންނަ ގޮތުގައި އެއީ ޓޫރިސްޓުންތަކަކަށް މަރުހަބާކިޔަން ބޭއްވި ސަގާފީ އިވެންޓެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. ރަށުގެ މީހުންތަކެއް ވެސް ފޮޓޯގެ ފަހަތުން ވަރަށް އުފާވެފައި ތިބޭ ތަން ފެނެ އެވެ.

ނީލަމް، 52، އަކީ ބޮލީވުޑްގައި 80 އާއި 90 ގެ ކުރީކޮޅު ވަރަށް ވިދި ބަތަލާއެކެވެ. އޭނަގެ ފުރަތަމަ ފިލްމަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރުވި 1984 ގެ "ޖަވާނީ" އެވެ. އެ ފިލްމު ގެ "ތޫ ރޫޓާ ތޯ މޭ ރޯ ދޫނގީ ސަނަމް" އަކީ އެ ދުވަސްވަރު ވަރަށް މަޝްހޫރުވި ލަވައެކެވެ. ނީލަމްގެ ކެރިއަރުގައި ގޯވިންދާއާ އެކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެނެވެ. އަދި އެ ދެ މީހުންގެ ޖޯޑުވީ ހިންދީ ސިނަމާގެ ވަރށް މަގުބޫލު ޖޯޑަކަށެވެ.

ނީލަމް އެންމެ ފަހުން ފެނިފައި ވަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ނެޓްފްލިކްސް ގެނެސްދިން 2020 ގެ ރިއަލިޓީ ޝޯ "ދަ ފެބިއުލަސް ލައިވްސް" އިންނެވެ. އޭނަގެ ފިރިމީހާ އަކީ މި މަހުގެ 17 ގައި ރިލީޒްކުރި ޝިލްޕާ ޝެޓީގެ ފިލްމު "ނިކައްމާ" ގައި އޭނަގެ ފިރިމީހާގެ ރޯލު ކުޅުނު ސަމީރު ސޯނީ އެވެ.

ނީލަމާއި ސަމީރު ކައިވެނިކުރީ 2011 ގަ އެވެ. އަދި އެ ކައިވެންޏަށް ލިބިފައިވާ ދަރި އަކީ އެޑޮޕްޓްކޮށްފައިވާ އަހާނާ ސޯނީ އެވެ.

ނީލަމަކީ މި ފަހުން ވަރަށް ގިނައިން ރާއްޖެ އަށް ޗުއްޓީ އަށް އަންނަ ތަރިއެކެވެ.