ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ބޮލީވުޑަށް ނުކުތްތާ މިއަދަށް 30 އަހަރު ފުރިއްޖެ އެވެ.
މި މުނާސަބަތާ ގުޅުވައިގެން މިއަދު ވަނީ އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ރިލީޒްކުރާ އޭނަގެ ފިލްމު "ޕަތާން" ގެ އާ މޯޝަން ޕޯސްޓަރެއް ވެސް ދައްކާލައިފަ އެވެ. މި ފިލްމަކީ 2018 ގެ "ޒީރޯ" އަށް ފަހު ޝާހްރުކް ކުޅުނު ފުރަތަމަ ފިލްމެވެ.
އޭނަ ބޮލީވުޑަށް ނުކުތީ ޖޫން 25، 1992 ގައި ރިލީޒްކުރި ފިލްމު "ދީވާނާ" އިންނެވެ. ސަޕޯޓިން ރޯލެއް ކުޅުނު އެ ފިލްމުގެ ތަރިންނަކީ މަރުވެފައިވާ ދެ ތަރިން ކަމަށްވާ ރިޝީ ކަޕޫރާއި ދިވްޔާ ބާރްތީ އެވެ. "ދީވާނާ" އަށް ފަހު، ކެރިއަރުގެ ކުރީކޮޅު ނެގަޓިވް ރޯލުތަކެއް ކުޅެގެން ޝާހްރުކް ބޮޑު މަޝްހޫރު ކަމެއް ހޯދި އެވެ. އެގޮތުން 1993 ގެ "ބާޒީގަރް" އާއި އެ އަހަރުގެ "ޑަރް" އަކީ ޝާހްރުކްގެ ކެރިއަރު މުޅިން ބަދަލުކޮށްލި ދެ ފިލްމެވެ.
އެ ދެ ފިލްމުގައި ނެގަޓިލް ރޯލުތަކެއް ކުޅުނަސް 1995 ގެ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގެ ފަހުން ޝާހްރުކްވީ ބޮލީވުުޑްގެ "ލަވަ ބޯއި" އަށެވެ. ލޯބީގެ ކާމިޔާބު އަދި އެހާމެ ރީތި އެތައް ފިލްމެއް އޭނަ ކުޅުނެވެ. އޭގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" އާއި "ކަލް ހޯ ނަ ހޯ" އާއި "ކަބީ އަލްވިދާ ނާ ކެހެނާ" ގެ އިތުރުން "ބާދުޝާ" އާއި "ދިލް ތޯ ޕާގަލް ހޭ" އާއި "ޗަލްތޭ ޗަލްތޭ" އާއި "ޔެސް ބޮސް" އާއި "ޕަރުދޭސް" އަދި "ޑޮން" ފަދަ ފިލްމުތަކަކީ ޝާހްރުކްގެ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެކެވެ.
އުމުރުން މިހާރު 56 އަހަރުގެ އެކްޓަރުގެ ތިން ފިލްމެއް އަންނަ އަހަރު ރިލީޒްވާނެ އެވެ. އެއީ "ޕަތާން" ގެ އިތުރުން "ޖަވާން" އާއި "ދުންކީ" އެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ "ބުރައްމަސްތުރާ" ގެ ހާއްސަ ރޯލަކުން ވެސް ޝާހްރުކް ފެންނާނެ އެވެ.
"ކިންގް ޚާން" ގެ ނަމުން މަޝްހޫރު އަދި ބޮލީވުޑްގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކަކީ މިހާރު ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނަގެ އަމިއްލަ ފިލްމު ކުންފުންޏަކީ ރެޑް ޗިލީޒް އެންޓަޓައިންމަންޓެވެ. ކެރިއަރަށް 30 އަހަރުވީ އިރު، ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ ޚާން، 22، މިހާރު އަންނަނީ ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ. އަދި ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން، 24، ވެސް ފިލްމު އުފެއްދުމުގެ މަސައްކަތަށް ވަރަށް އަވަހަށް ނުކުންނާނެ އެވެ.
ޝާހްރުކްގެ އަންހެނުން ގޯރީ ޚާނަކީ އިންޑިއާގެ ނުފޫޒު ގަދަ އިންޓީރިއާ ޑިޒައިނަރަކެވެ.