Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ރަންބީރްގެ ފުރަތަމަ މުސާރަ އަކީ 250 ރުޕީސް

މަސައްކަތެއްކޮށްގެން އެންމެ ފުރަތަމަ އާމްދަނީއެއްގެ ގޮތުގައި ލިބުނީ 250 ރުޕީސް ކަމަށް ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރް ބުނެފި އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރުގެ ދެ ފިލްމަކުން ފެންނާނެ އެކްޓަރު މޭޝަބަލް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ފުރަތަމަ މުސާރަ އަކީ ބައްޕަ އަދި ކުރީގެ އެކްޓަރު ރިޝީ ކަޕޫރްގެ 1996 ގެ ފިލްމު "ޕްރޭމް ގްރާންތު" އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްގެން ލިބުނު ފައިސާ އެވެެ.

މަދޫރީ ޑީކްސިޓް ބަތަލާގެ ރޯލު ކުޅުނު އެ ފިލްމަކީ ރަންބީރްގެ ބޮޑުބޭބެ އަދި މިދިޔަ އަހަރު ހާޓްއެޓޭކެއް ޖެހިގެން މަރުވި އެކްޓަރު ރަޖީވް ކަޕޫރް ޑައިރެކްޓްކުރި ފިލްމެކެވެ. "ޕްރޭމް ގްރާންތު" އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރި އިރު ރަންބީރްގެ އުމުރަކީ 14 އަހަރެވެ.

ފުރަތަމަ މުސާރައިގެ ހަނދާން އާކުރަމުން މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަންބީރް، 39، ބުނީ މުސާރަ ލިބުމާ އެކީ ދިޔައީ މަންމަ ނީތޫ ސިންގް ގާތަށް ކަމަށެވެ.

"އެ ދުވަހު އުފަލުން ވަރަށް ބަސް އަހައިގެން ހުރެ މަންމަގެ ފައިދަށަށް ތިރީވެ، ހެޔޮދުއާ އަށް އެދި ޗެކް ހަވާލުކުރީމަ އެ ބަލާފައި މަންމަ ފެށީ ރޯން." ރަންބީރް ބުންޏެވެ.

ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ ބުނީ އެ ހިނދުކޮޅަކީ ވަރަށް ޖަޒުބާތީ ވަގުތުކޮޅެއްގެ އިތުރުން ވަރަށް "ފިލްމީ" ވަގުތުކޮޅެއް ވެސް ކަމަށެވެ.

އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތުމުގެ ކުރިން ރަންބީރް އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޭނަ ބޮލީވުޑަށް ނެރުނު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2005 ގެ "ބްލެކް" އެވެ. ރާނީ މުކަރްޖީ އާއި އަމީތާބް ބައްޗަން ލީޑް ކުޅުނު އެ ފިލްމުގައި ރަންބީރާ އެކީ އެސިސްޓަންޓެއްގެ ގޮތުގައި ސޯނަމް ކަޕޫރް ވެސް މަސައްކަތްކުރި އެވެ. އަދި އެ ދެ މީހުން ފިލްމީ ތަރިންގެ ގޮތުގައި ބޮލީވުޑަށް ބަންސާލީ ނެރުނީ 2007 ގެ "ސާވަރިޔާ" އިންނެވެ.

އެސިސްޓަންޓެއްގެ ގޮތުގައި ރިޝީ ޑައިރެކްޓްކުރި ހަމައެކަނި ފިލްމު 1999 ގެ "އާ އަބް ލޯޓް ޗަލޭ" ގައި ވެސް މަސައްކަތްކުރި އެވެ. އެ ފިލްމުގެ ތަރިންނަކީ ރަންބީރާ އެކު 2016 ގެ "އޭ ދިލް ހެ މުޝްކިލް" ގެ ރޯލެއް ކުޅުނު އައިޝްވާރިއާ ރާއީގެ އިތުރުން އަކްޝޭ ކަންނާ އެވެ.