Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ވަރުން އަށް މިހާރު ގިނަ ބައެއްގެ ތައުރީފު

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަންގެ ގިނަ ފިލްމުތައް ކިތަންމެ ކާމިޔާބަސް އޭނަގެ އެކްޓިން ހުނަރާ މެދު ޝައްކުކުރާ މީހުން ގިނަ އެވެ. މިހާތަނަށް ބައެއް މީހުން ގަބޫލުކުރަމުން އައީ ވަރުން އަކީ ނެށުމަށް މޮޅު ތަރިއަކަށް ވިޔަސް، އެކްޓިންގައި ތަންކޮޅެއް ފަހަތުގައި އުޅޭ އެކްޓަރެއްގެ ގޮތުގަ އެވެ. އެހެންވެ އޭނަ އަށް އެކްޓްކުރަން ނޭނގޭ ކަމަށް ބުނެ ފާޑުކިޔާ މީހުން މަދެއް ނޫނެވެ.

ނަމަވެސް މިދިިޔަ ހުކުރު ދުވަހު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ޖުގް ޖުގް ޖިއޯ" ގައި ވަރުން ދެއްކި ހުނަރާ އެކީ އޭނާއާ ދޭތެރޭ މީހުން ދެކޭ މިހާރު ވަނީ ބަދަލުވެފަ އެވެ. ހާއްސަކޮށް އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވެސް ބުނެފައި ވަނީ އެ ފިލްމުގައި ވަރުންގެ އެކްޓިން ވަރަށް ފުރިހަމަ ކަމަށާއި އޭނަގެ އެކްޓިން އިން ބޮޑު ކުރިއެރުމެއް ފެނިފައިވާ ކަމަށެވެ.

"ޖުގް ޖުގް ޖިއޯ" އާ އެކީ ކްރިޓިކުންގެ ތައުރީފު ވެސް މި ފަހަރު ވަރަށް އަށް ބޮޑަށް ވަރުން ލިބިފައިވެ އެވެ. މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ވެސް އޭނަގެ ރިވިއުގައި ފާހަގަކޮށްފައިވާ ގޮތުގައި ވަރުން އަކީ އެކްޓްކުރެވޭނެ މީހެއްކަން މި ފަހަރު ވަނީ ޔަގީންކޮށް ދީފަ އެވެ. އެގޮތުން "ޖުގް ޖުގް ޖިއޯ" ގައި ހިމެނޭ ޖަޒުބާތީ މަންޒަރުތަކާއި ރުޅިގަދަވެގެން އުޅޭ މަންޒަރުތަކުގައި ވަރުން ވަރަށް މޮޅު ކަމަށް އޭނާ ބުނެފައިވެ އެވެ.

އަދި ޖުމްލަކޮށް މި ފިލްމުގައި ވަރުން ދެއްކި އެކްޓިން އަކީ އޭނަގެ ކެރިއަރުގެ މިހާތަނަށް ފެނުނު އެންމެ ރަނގަޅު މަސައްކަތުގެ ގޮތުގައި ވެސް ތަރަން ސިފަކޮށްފައިވެ އެވެ. ވަރަށް ގިނަ އާންމުންނާއި ފޭނުން ވެސް ޓްވިޓާގައި މި ފަހަރު ވަރުންގެ އެކްޓިން ތައުރީފުކޮށްފައިވެ އެވެ. ހާއްސަކޮށް ވަރުންގެ ވަފާތެރިން ފޭނުން ބުނެފައި ވަނީ "ޖުގް ޖުގް ޖިއޯ" އަކީ ވަރުން އަށް އެކްޓްކުރަން ނޭނގޭ ކަމަށް ބުނާ މީހުންގެ މޫނުމަތީގައި ޖެހި ތަފާލެއް ކަމަށެވެ.

މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިފުޅު ވަރުން، 35، ފާހަގަކުރެވިފައި ވަނީ ފިލްމު ބަލާ "މާސް" އޯޑިއަންސް ވަރަށް ލޯބިވާ އެކްޓަރެއްގެ ގޮތުގަ އެވެ. އޭނަގެ ފޭންބޭސް އަށް ބަލާ އިރު، ގިނައީ ޒުވާނުންނާއި ކުޑަކުދިންނެވެ. އެކަމަކު "ޖުގް ޖުގް ޖިއޯ" ގައި ދެއްކި "މެޗްއާ" އެކްޓިންއާ އެކު ހަރު މީހުންގެ ފެވަރިޓަކަށް ވެސް ވަރުން މި ވަނީ ބަދަލުވެފަ އެވެ.

އޭނަ ދެން އެންމެ އަވަހަށް ފެންނާނީ މި އަހަރުގެ ނޮވެމްބަރު ގެނެސްދޭން ހަމަޖެހިފައިވާ ހޮރޯ-ކޮމެޑީ "ބޭޅިޔާ" އިންނެވެ. ވަރުން ބޮލީވުޑަށް ނުކުތީ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ.