Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ހެރިސަން ކެރިއަރު ނިންމައިލުމާ ދިމާއަށް؟

އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "އިންޑިއާނާ ޖޯންސް" ފްރެންޗައިޒްގެ ފަސް ވަނަ ފިލްމަކީ އޭގެ އެކްޓަރު ހެރިސަން ފޯޑްގެ ފަހު ފިލްމަށް ވެދާނެ ކަމަށް ފިލްމުގެ ބެކް މިއުޒިކް މަސައްކަތްކުރާ ޖޯން ވިލިއަމްސް ބުނެފި އެވެ.

އެސޯސިއޭޓެޑް ޕްރެސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ 79 އަހަރުގެ އެކްޓަރު އެކަން ދެން މާ ލަސްތަކެއް ނުވެ އިއުލާން ވެސް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި "އިންޑިއާނާ ޖޯންސް 5" އަކީ އޭނާ ބެކް ސްކޯ ހަދައިދޭ ފަހު ފިލްމު ކަމަށް ނިންމައިގެން ހުރި ކަމަށް 90 އަހަރުގެ ވިލިއަމްސް ބުންޏެވެ.

"އަހަންނަށް ވުރެ ހެރިސަން އަދި މާ ބޮޑަށް ވެސް ޒުވާން. އެކަމަކު އަހަންނަށް ހީވަނީ އަންނަ އަހަރުގެ ފިލްމަކީ އޭނަގެ ފަހު ފިލްމަށް ވެދާނެހެން. އަދި އެކަން އޭނަ ދެން މާ ލަހެއް ނުކޮށް އިއުލާން ވެސް ކޮށްފާނެ ކަމަށް ބެލެވޭ،" އޭނާ ބުންޏެވެ. "އެކަމަކު ހެރިސަން އަދިވެސް ފިލްމު ކުޅޭ ގޮތަށް ހުރި ކަމަށް ވަންޏާ އަހަންނަށް ހީވަނީ އަހަންނަށް ވެސް އަދި މި ކުރާ މަސައްކަތުގައި ދެމިހުރެވިދާނެހެން."

ވިލިއަމްސް ބުނި ގޮތުގައި އުމުރުން މިހާރު ކިތަންމެ ދުވަހެއް ވިޔަސް، ބޭނުން ވަނި އަބަދު ވެސް ހަރަކާތްތެރިކޮށް އުޅޭށެވެ. އަދި މެދުކެނޑުމެއް ނެތި މަސައްކަތުގައި ދެމިހުރެވުމުގެ ސަބަބަކީ ވެސް ގެންގުޅޭ ދުޅަހެޔޮ ލައިފްސްޓައިލް ކަމަށް ބުންޏެވެ.

މިހާތަނަށް ފަސް އޮސްކާ އެވޯޑްގެ އިތުރުން ވެސް މިއުޒިކް ދާއިރާ އިން ވިލިއަމްސް އެތައް އެވޯޑެއް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި 25 ގްރެމީ އެވޯޑްސް އާއި ހަތަރު ގޯލްޑެން ގްލޯބް އެވޯޑްސް ވެސް ހިމެނެ އެވެ.

އަންނަ އަހަރުގެ ޖޫން 30 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ "އިންޑިއާނާ ޖޯންސް 5" އާ އެކު، ހެރިސަން އެކްޓިން އަށް އަލްވަދާއު ކިޔައިފާނެކަމުގެ ވާހަކަތަކެއް ވިލިއަމްސް ދެއްކިޔަސް މިކަމާ ބެހޭ ގޮތުން ތަޖުރިބާކާރު އަދި އެހާމެ ކާމިޔާބު އެކްޓަރު މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ހެރިސަން އެންމެ ފަހުން ފެނިފައި ވަނީ 2020 ގެ "ދަ ކޯލް އޮފް ދަ ވައިލްޑް" އިންނެވެ.