Last Updated: April 19, 21:23
Friday, April 19, 2024
މުނިފޫހިފިލުވުން

"ޕަތާން" ކަމުގޮސްފި ނަމަ ސީކްއެލްއެއް

އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ޕަތާން" ބެލުންތެރިންނަށް ކަމުގޮސްފި ނަމަ އޭގެ ސީކްއެލްއެއް ހަދައިފާނެކަމުގެ އިޝާރާތެއް ޝާހްރުކް ޚާން ދީފި އެވެ.

އޭނަގެ ފިލްމީ ކެރިއަރަށް އިއްޔެ 30 އަހަރު ވެސް ފުރުމާ ދިމާކޮށް ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައި، ފިލްމާ ބެހޭ ގޮތުން ބައެއް ވާހަކަތައް ޝާހްރުކް ހިއްސާކޮށްފައިވެ އެވެ. އޭނަ ބުނީ ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް ފިލްމުގެ ޓްރެއިލާ މި އަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުކުރަން ފިލްމުގެ ޓީމުން މަސައްކަތްކުރާ ކަމަށެވެ.

ދެހާސް ނަވާރައިގެ "ވޯ" ގެނެސްދިން ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާ "ޕަތާން" އަކީ ޝާހްރުކްގެ ގާތް އެކުވެރިޔާ އަދި ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެކެވެ. އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ގެނެސްދޭ ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.

"މި ފިލްމަކީ އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތްކުރި ފިލްމެއް. އޭގެ ޓީމުން މިހާރު އަންނަނީ ފިލްމު އެއްކޮށް ނިންމުމުގެ މަސައްކަތްކުރަމުން. އުންމީދުކުރަން ބެލުންތެރިންނަށް ޕަތާން ވަރަށް ކަމުދާނެ ކަމަށް،" ޝާހްރުކް ބުންޏެވެ. "ކަމުގޮސްފި ނަމަ ސީކްއެލްއެއް ހެދުމާ ދޭތެރޭ ވެސް އަހަރެމެން ވިސްނާނަން."

ޝާހްރުކްގެ އެއްވެސް ފިލްމެއްގެ ދެވަނަ ބައެއް މިހާތަނަށް ހަދައިފައެއް ނުވެ އެވެ. އަދި "ޕަތާން" އަކީ 2018 ގެ "ޒީރޯ" އަށް ފަހު އޭނަ ކުޅުނު ފުރަތަމަ ފިލްމެވެ. އެހެންވެ ޝާހްރުކް ބޮޑު ސްކްރީނުން ދެކިލަން ކެތްމަދުވެފައި ތިބި މީހުން ގިނަ އެވެ. އާ ފިލްމުގައި އޭނަގެ ލުކް ވެސް ވަރަށް ތަފާތު ވާނެ އެވެ. އެގޮތުން ވަރުގަދަ ހަށިގަނޑަކާ އެކީ ދިގު އިސްތަށިގަނޑަކާ އެކީ ފެންނާނެ އެވެ.

އަންނަ އަހަރު ރިލީޒްކުރާ ޝާހްރުކް، 56، ގެ އިތުރު ފިލްމުތަކުގެ ތެރޭގައި އެޓްލީގެ "ޖަވާން" އާއި ރާޖްކުމާރު ހިރާނީގެ "ދުންކީ" ވެސް ހިމެނެ އެވެ.