Last Updated: April 26, 18:07
Friday, April 26, 2024
މުނިފޫހިފިލުވުން

ބޮލީވުޑަށް ނުކުމެވުނީ ވަރަށް އުނދަގުލުން: އަރުޖުން

ފިލްމީ ގޮތުން ނުފޫޒު ގަދަ އާއިލާއަކަށް އުފަން ވިޔަސް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަން ކުރަން ޖެހުނު މަސައްކަތް ވަރަށް އުނދަގޫ ކަމަށް އެކްޓަރު އަރުޖުން ކަޕޫރް ބުނެފި އެވެ.

ދެހާސް ބާރައިގެ "އިޝަގްޒާދޭ" އިން އެކްޓިން ކެރިއަރު ފެށި ބަތަލު ބުނީ އޭނަގެ ބައްޕަ ބޯނީ ކަޕޫރަކީ ޕްރޮޑިއުސަރަކަށް ވިޔަސް، ބައްޕަގެ "ތައްޕާހުން" އުޅެގެން އިންޑަސްޓްރީ އަށް ނުކުތުމަކީ އަމިއްލަ ޒަމީރު ގަބޫލުކުރި ކަމެއް ނޫން ކަމަށެވެ. އެހެންވެ ބޭނުންވީ އެހެން ޕްރޮޑަކްޝަން ހައުސްއަކުން ފުރުސަތު ލިބޭތޯ ކަމަށް ބުންޏެވެ.

އަރުޖުންގެ ފުރަތަމަ ފިލްމަކީ ބޮލީވުޑްގެ އެންމެ ބޮޑު ކުންފުނި އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެކެވެ. އެކަމަކު ބަތަލާ ޕަރިނީތީ ޗޯޕްޅާއާ އެކީ ކުޅުނު "އިޝަގްޒާދޭ" އިން ފުރުސަތު ލިބުނީ ވަރަށް ހަނި އަދި އެހާމެ އުނދަގޫ ގޮތަކަށް ކަމަށް އަރުޖުން ބުންޏެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އަރުޖުން ބުނީ ކާސްޓިން ޑައިރެކްޓަރެއް ކަމަށްވާ ޝާނޫ ޝަރުމާ އޭނަގެ ފޮޓޯތަކެއް އަދިތިޔާ އަށް ދެއްކުމުން ސިފައާ މެދު ސުވާލުތަކެއް އުފެއްދި ކަމަށެވެ.

"އަހަރެންގެ އެ ފޮޓޯތައް ބަލާފައި އާދީ ބުނީ އަހަރެންގެ ނެތޭ ލީޑް އެކްޓަރެއްގެ ކޮލިޓީއެއް. ތިމަންނައަކަށް ސިފައެއްނުކުރެވެއޭ އަހަރެންގެ ކިބައިންގެ ލީޑް އެކްޓަރެއްގެ ކިބައިގައި ހުންނަން ޖެހޭ ކަހަލަ ސިފަތަކެއް،" ކުރީގެ ހަނދާންތައް އާކުރަމުން އަރުޖުން ބުންޏެވެ. "ދެން އޭނަ ބުނެފައި ވަނީ ފަހަރުގައި ސަޕޯޓިން ރޯލަކަށް އަހަރެން ފުދިދާނޭ."

އޭނާ ކިޔައިދިން ގޮތުގައި "އިޝަގްޒާދޭ" އިން ފުރުސަތު ލިބުނީ ގިނަ އޮޑިޝަންތަކެއް ހަދައިގެން، އެކްޓްކުރެވިދާނެ ކަމަށް އޮޑިޝަން ވީޑިއޯތަކުން އަދިތިޔާ އަށް ގަބޫލުކުރެވުނު ހިސާބުން ކަމަށެވެ.

"އެ ބަލާފައި އާދީ ބުނި އަހަރެންގެ ކިބައިގައި އެބަހުއްޓޭ އެހެން ހުނަރުތަކެއް." އަރުޖުން ބުންޏެވެ.

އޭނާ ބޮލީވުޑަށް ނުކުންނަން ޖެހުނީ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ވެސް ގެނެސްގެންނެވެ. ސަބަބަކީ ފިލްމީ ކެރިއަރު ފެށުމާ ހަމައަށް އޭނަ އަކީ ވަރަށް ފަލަކޮށް، ޗަބީކޮށް ހުރި މީހަކަށްވުމެވެ. އެގޮތުން ބައްޓަން ރީތިކުރަން އެންމެ ބޮޑަށް ހިތްވަަރެއް ދިން މީހަކީ ސަލްމާން ޚާން ކަމަށް އަރުޖުން މީގެ ކުރިން އެތައް އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ކޮންމެއަކަސް އަދިތިޔާ ބޭނުންވި ކަހަލަ މީހަކަށްވާން އަރުޖުންވި ގުރުބާނީވީ ކާމިޔާބު ކަމަކަށެވެ. "އިޝަގްޒާދޭ" އިން ބެލުންތެރިން އޭނަ ބަލައިގަތެވެ. އަދި އޭގެ ފަހުން ވައިއާރްއެފްގެ އިތުރު ތިން ފިލްމެއް އަރުޖުން ކުޅުނެވެ. އެއީ 2013 ގެ "އޯރެންގަޒަބް" އާއި 2014 ގެ "ގުންޑޭ" ގެ އިތުރުން މިދިޔަ އަހަރުގެ "ސަންދީޕް އޯރް ޕިންކީ ފަރާރު" އެވެ.

އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތުމުގެ ކުރިން އަރުޖުން މަސައްކަތްކުރީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެގޮތުން ނިކިލް އަދުވާނީއާ އެކީ 2003 ގެ "ކަލް ހޯ ނަ ހޯ" އާއި އޭނަގެ 2007 ގެ "ސަލާމޭ އިޝްގް" ފަދަ ފިލްމުތަކުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އެވެ.

ބަތަލާ ޖާންވީ ކަޕޫރްގެ ބޭބެ އަރުޖުންގެ ކެރިއަރަކީ އަދިވެސް އެހާ ކުލަގަދަ، ކާމިޔާބު ކެރިއަރެއް ނޫނެވެ. އޭނަގެ ސިފައަށާއި އެކްޓިން އަށް ފާޑުކިޔާ މީހުން އަދިވެސް އުޅެ އެވެ.

އިއްޔެ 37 އަހަރު ފުރުނު އެކްޓަރު ލޯބިވެރިޔާ މަލައިކާ އަރޯރާއާ އެކީ ޕެރިހުގައި މި ވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އޭކް ވިލަން ރިޓާންސް"، "ކުއްތޭ" އަދި "ދަ ލޭޑީ ކިލާ" ހިމެނެ އެވެ. އަރުޖުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރި "ބޫތު ޕޮލިސް" އެވެ.