Last Updated: April 26, 20:24
Friday, April 26, 2024
މުނިފޫހިފިލުވުން

ނީތޫގެ ހުވަފެނަކީ ރަންބީރާއި އާލިއާއާ އެކީ ފިލްމެއް ކުޅުން

އަލުން އެކްޓިން އަށް ނުކުމެފައިވާތީ މިހާރު ދެން އެންމެ ބޮޑު ހުވެފަނަކީ ދަރިފުޅު ރަންބީރް ކަޕޫރާއި ޅީދަރިފުޅު އާލިއާ ބަޓާ އެކީ ފިލްމެއްގެ މަސައްކަތްކުރުން ކަމަށް ރަންބީރްގެ މަންމަ ނީތޫ ސިންގް ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމު "ޖުގް ޖުގް ޖިއޯ" ގެ ކާސްޓްގައި ހިމެނޭ 63 އަހަރުގެ ބަތަލާ އިންޑޯ-އޭޝިއަން ނިއުސް އޭޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ބުނީ ރަންބީރާއި އާލިއާއާ އެކީ މަސައްކަތްކުރުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.

"އެފަދަ ފުރުސަތެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ވެސް ކުރަން. އެއީ ހަގީގަތުގައި އަހަރެންގެ މިހާރުގެ ބޮޑު ހުވަފެނެއް،" ކުރީގެ އެކްޓަރު ރިޝީ ކަޕޫރްގެ އަންހެނުން ބުންޏެވެ. "އެ ހުވަފެން ހަގީގަކަށްވޭތޯ މަސައްކަތް ވެސް ކުރާނަން."

ދަރިފުޅު ރަންބީރާ އެކީ ނީތޫ ކުރިން ފިލްމެއްގެ މަސައްކަތްކުރި އެވެ. އެއީ ރިޝީ ވެސް ރޯލެއް ކުޅުނު 2013 ގެ "ބޭޝަރަމް" އެވެ. ނީތޫ އަކީ އޭނަގެ ދަރިފުޅު ރަންބީރާ މިދިޔަ އެޕްރީލް މަހު އާލިއާ ކައިވެނިކުރި ފަހުން، އާލިއާ މެދު ވަރަށް ފަހުރުވެރިވާ މައިދައިތައެކެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ގަންގޫބާއީ ކަތިއަވާޅީ" ގައި އާލިއާ ދެއްކި އެކްޓިން އިން އޭނާ އަކީ ކިހާ މޮޅު ބަތަލާއެއްކަން އިތުރަށް ސާބިތުކޮށް ދީފައިވާ ކަމަށް ވެސް ނީތޫ ބުންޏެވެ.

"އޭނައާ އެކީ މަސައްކަތްކުރަން ބޭނުން ވަނީ އާލިއާގެ ހުނަރު ގާތުން ބަލާލަން ވެސް ބޭނުން ވާނީ. މި ވާހަކަ އަހަރެން އާލިއާ ކައިރީ ވެސް ބުނެފައި ވާނެ." އޭނާ ބުންޏެވެ. "އޭނަ އަކީ ކޮންމެ ފިލްމަކުން ބެންޗްމާކް މަތިކުރަމުން އަންނަ ބަތަލާއެއް."

ނީތޫ ބުނި ގޮތުގައި ރަންބީރަކީ ވެސް އެހާމެ މޮޅު އެކްޓަރެކެވެ. އަދި ދަރިފުޅު މިހާތަނަށް ކުޅުނު ކޮންމެ ފިލްމަކުން ވެސް އެކަން ސާބިތުކޮށް ދީފައިވާނެ ކަމަށް ބުންޏެވެ.

"އަހަރެން ރަންބީރްގެ ފިލްމުތައް ނުބަލަން މަންމައެއްގެ ހައިސިއްޔަތަކުންނެއް. އަހަރެންގެ އޭނަގެ ފިލްމުތައް ބަލަނީ އޯޑިއަންސެއްގެ ހައިސިއްޔަތުން. އެހެންވީމަ އަބަދު ވެސް އަހަރެން ކްރިޓިކަލް ވާނެ. އަހަންނަށް ރަންބީރްގެ އެކްޓިންތަކުން ފާހަގަކުރެވޭ ރަނގަޅު ކަންކަމާއި ރަނގަޅުކުރަން ޖެހޭ ކަންކަން އަބަދު ވެސް ފާހަގަކުރަން." ނީތޫ ބުންޏެވެ.

"ޖުގް ޖުގް ޖިއޯ" އަކީ އަލުން އެކްޓިން އަށް ނީތޫ ނުކުމެ މިހާރު އަންނަނީ އިތުރު ދެ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވަމުންނެވެ. އެއީ ފީޗާ ފިލްމަކާއި ވެބް ސީރީޒެކެވެ. އެގޮތުން ފިލްމުގެ މަސައްކަތް މި އަހަރުގެ އޮކްޓޯބަރު ހިސާބުގައި ފަށާނެ އެވެ.

"އެކަމަކު މި ވަގުތަކު ނެތް އެއިން އެއްވެސް އެއްޗަކާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ދެވޭކަން،" ނީތޫ ބުންޏެވެ. "މި ވަގުތު ދެން އަހަރެން ބޭނުން ވަނީ ޗުއްޓީއަކަށް ވެސް ދާން."

ދަރިފުޅާއި ލީދަރިފުޅާ އެކު މަސައްކަތްކުރުމުގެ ހުވަފެން ނީތޫ ދެކެމުން އަންނަ އިރު، ރަންބީރާއި އާލިއާ އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ސިނަމާތަކަށް އަންނާނެ އެވެ.