Last Updated: April 18, 22:36
Thursday, April 18, 2024
މުނިފޫހިފިލުވުން

އާލިއާ އިނީ ބަލިވެ، ރަންބީރް ބައްޕައަކަށް ވަނީ

މިދިޔަ އެޕްރީ މަހު އެކްޓަރު ރަންބީރް ކަޕޫރާ ކައިވެނިކުރި ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ ބަނޑުގެ ސްކޭނެއް ހަދަން ހޮސްޕިޓަލެއްގައި އޮވެ ނަގާފައިވާ ފޮޓޯއަކާ އެކީ އިންސްޓަގްރާމްގަ އެވެ. އެ ފޮޓޯގައި އާލިއާއާ އެކު ރަންބީރު ވެސް ސްކްރީނަށް ބަލަން ތިބޭ ތަން ފެނެ އެވެ. ފޮޓޯގެ ކެޕްޝަނަކަށް ލިޔެފައި ވަނީ "އަވަ ބޭބީ…ކަމިން ސޫން" އެވެ. އަދި އެ ފޮޓޯއާ އެކު ޅަ ސިންގާއެއް އޭގެ މައިންބަފައިންނާ އެކު ތިބޭ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ.

ރަންބީރް، 39، އާއި އާލިއާ، 28، ކައިވެނިކުރީ އެޕްރީލް މަހުގެ 14 ގަ އެވެ. އާލިއާ ބަލިވެއިން ވާހަކަ އިއުލާންކުރި އިރު އޭނާ މިދިޔަ މަހުން ފެށިގެން އަންނަނީ ސޮއިކުރި ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ގެ މަސައްކަތް އިނގިރޭސިވިލާތުގައި ކުރަމުންނެވެ.

އާލިއާ އާއި ރަންބީރް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ސިނަމާތަކަށް އަންނާނެ އެވެ. ރަންބީރް މިހާރު އަންނަނީ ހަތަރު އަހަރު ފަހުން އޭނަ ސްކްރީނަށް އަންނަ ފުރަތަމަ ފިލްމު އަންނަ މަހުގެ 22 ގައި ރިލީޒްކުރާ "ޝަމްޝޭރާ" ޕްރޮމޯޓްކުރުމުގެ މަސައްކަތްކުރަމުންނެވެ.

މި އަހަރުގެ މިހާތަނަށް އާލިއާ ދެ ފިލްމަކުން ފެނިފައިވެ އެވެ. އެއީ "ގަންގޫބާއީ ކަތިއަވާޅީ" އާއި "އާރްއާރްއާރް" އެވެ.