Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

އުވާލާ ޕާޓީތަކުގެ ލިސްޓުން ޑީއާރްޕީ ނަގައިފި

ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައީސްކަން ކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުންގެ ޕާޓީ އުވާނުލާނެކަން އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ 3،000 މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް މާޗް މަހުގެ ތެރޭގައި ނޯޓިސް ދީފަ އެވެ. އޭގެ ތެރޭގައި ޑީއާރްޕީ ވެސް ހިމެނެ އެވެ. އީސީން ވަނީ މެމްބަރުން ހަމަކުރަން އެ ޕާޓީތަކަށް ވަކި މުއްދަތެއް ދީފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ހަތަރު ޕާޓީން ވެސް މެމްބަރުން ހަމަކޮށް އީސީ އަށް ވަނީ ފޯމު ހުށަހަޅާފަ އެވެ. އެގޮތުން އެ ފޯމުތައް ބެލުމަށްފަހު އީސީން މިއަދު ވަނީ ޑީއާރްޕީން 3،000 މެމްބަރުން ހަމަކޮށްފައިވާތީ އެކަމުގެ ރަސްމީ ލިޔުން އެ ޕާޓީއާ ހަވާލުކޮށްފަ އެވެ.

ޑިއާރްޕީގެ އިތުރުން އުވާލަން ނޯޓިސް ދިން ޕާޓީތަކުގެ ލިސްޓުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފެއްދެވި މޯލްޑިވްސް ޓާޑްވޭ ޕާޓީ (އެމްޓީޑީ) ނަން ވެސް އީސީން މިހާރު ވަނީ އުނިކޮށްފަ އެވެ.

އީސީން ދެން ނޯޓިސް ދިން ޕާޓީ އަކީ މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އެވެ.