Last Updated: April 26, 15:02
Friday, April 26, 2024
މުނިފޫހިފިލުވުން

ކްރޫޒްގެ ފިލްމަކަށް އަލަށް ބިލިއަން ޑޮލަރު

ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒްގެ ފިލްމަކަށް މުޅިން އަލަށް ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މީގެ 36 އަހަރު ކުރިން ރިލީޒްކުރި "ޓޮޕް ގަން" ގެ ސީކްއެލް "ޓޮޕް ގަން: މެވެރިކް" ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކައިގެން ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ މިހާތަނަށް ވަނީ 1.007 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއާ އެކު މި ފިލްމުވެފައި ވަނީ މި އަހަރުގެ މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމަށެވެ.

އަދި މިއީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ސިނަމާތަކުގެ ވިޔަފާރި ހަމައަކަށް އެޅެން ފެށި ފަހުން މިހާތަނަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް 1.901 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

މިދިޔަ މަހުގެ 27 ގައި ސިނަމާތަކަށް ގެނައި "ޓޮޕް ގަން: މެވެރިކް" އަކީ ބިލިއަން ޑޮލަރު ކުލަބަށް ވަން 48 ވަނަ ފިލްމެވެ. މި ފިލްމު ހަދާފައި ވަނީ 170 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. ކްރޫޒްގެ އެންމެ ކާމިޔާބު ފިލްމަށް ފިލްމުވެގެން ދިޔަ އިރު، މިއީ ރިލީޒްކުރި ހަފުތާ ބަންދުގައި ވެސް އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި ރެކޯޑް އާމްދަނީއެއް ހޯދި އެއްޗެކެވެ.

ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް އާންމުންގެ ފަރާތުން "ޓޮޕް ގަން: މެވެރިކް" އަށް ލިބެމުން އަންނާތީ ކްރޫޒް އެތައް ފަހަރެއްގެ މަތިން ބެލުންތެރިންނަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

ޖޯސެފް ކޮސިންސްކީ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ޖެނިފާ ކޮނެލީ، ގްލެން ޕަވެލް، އެޑް ހެރިސް، ވަލް ކިލްމާ، ލުވިސް ޕުލްމަން އަދި މައިލްސް ޓެލާ ފަދަ ތަރިން ހިމެނެ އެވެ.