Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

ކާޖޮލް މި އަހަރު އޮސްކާގެ މެމްބަރަކަށް

ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި ފިލްމު އެވޯޑް ކަމަށްވާ ކުރިއަށް އޮސްކާ އެވޯޑާ ގުޅުން ހުރި މަސައްކަތްތަކަށް އެ އެވޯޑް އިންތިޒާމުކުރާ އެކަޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) ގެ މި އަހަރުގެ އެކުލަވާލި މެމްބަރުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލް ވެސް ހިމެނިއްޖެ އެވެ.

މީގެ ކުރިން ވެސް މި އެވޯޑްސްގެ މެމްބަރުންގެ ގޮތުގައި އިންޑިއާގެ ވަރަށް ގިނަ ފަންނާނުން މަސައްކަތްކޮށްފައިވެ އެވެ. ކާޖޮލްއާ އާ އެކު މި ފަހަރު އިންޑިއާ އިން އެކަޑެމީގެ މެމްބަރުންގެ ގޮތުގައި ހިމެނުނީ މަޝްހޫރު ތަމަޅަ އެކްޓަރު ސޫރިއާ އާއި ޑައިރެކްޓަރު ސުޝްމިތު ގޯޝް އާއި ޑައިރެކްޓަރުންގެ އިތުރުން ސްކްރީން ރައިޓަރުންގެ ގޮތުގައި ވެސް މަސައްކަތްކުރާ ރީމާ ކަތުގީގެ އިތުރުން ރިންތޫ ތޯމަސް އެވެ.

އެކެމެޑީގެ "ކްލާސް އޮފް 2022" ގައި ކާޖޮލް އާއި ސޫރިޔާ ހިމެނެނީ އެކްޓަރުންގެ ކެޓަގަރީގަ އެވެ. ރީމާ ހިމެނެނީ ރައިޓަރުންގެ ކެޓަގަރީގަ އެވެ.

އޮސްކާގެ މި އަހަރުގެ މެންބަރުންގެ ގޮތުގައި 397 މީހަކު ހަމަޖައްސާފައިވެ އެވެ. މީގެ ތެރެއިން 44 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ. އަދި މެމްބަރުންގެ ތެރެއިން 50 ޕަސެންޓަކީ އެމެރިކާ އިން ބޭރު މީހުންނެވެ. މެމްބަރުން އެކުލަވާލާފައި ވަނީ މުހިއްމު އެކި ކެޓަގަރީތަކުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ އެކްޓަރުން، ކާސްޓިން ޑައިރެކްޓަރުން، ސިނަމަޓޯގްރާފަރުން، ކޮސްޓިއުމް ޑިޒައިނަރުން، ރައިޓަރުން، ޑޮކިއުމަންޓަރީ، އެކްޒެކެޓިވްސް، އެޑިޓަރުން، މޭކަޕް އާޓިސްޓުންނާއި ހެއާ ސްޓައިލިސްޓުން، މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، މިއުޒިކް، ޕްރޮޑިއުސަރުން، ޕްރޮޑަކްޝަން ޑިޒައިނަރުން ޝޯޓް/ފީޗާ އެނިމޭޝަންސް، ސައުންޑް، ވިޝުއަލް އިފެކްޓްސް އަދ މެމްބާސް އެޓް ލާޖް އެވެ.

ކުރިއަށް އޮތް 95 ވަނަ އޮސްކާ އެވޯޑް ހަފުލާ ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މާޗް 12 އަށެވެ.