Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

ރައީސަށް އޮތީ ދެވަނަ ވިސްނުމަކަށް ދިއުން

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފަސް ޕަސެންޓްގެ ބޮޑު ލަދަކުން ސަލާމަތްވާން ބޭނުންވާ ނަމަ އިބްތިހާބަށް ވާދަކުރެއްވުމާ މެދު ދެވަނަ ވިސްނު،މަކަށް ދާން ޖެހޭ ކަމަށް މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ރޭ "ތައްޔާރު" ގެ ނަމުގައި ބޭއްވި ޖަލްސާގައި ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފައިވާތީ އެކަމާ ވެސް ގުޅުވައުގެން މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީން ވާދަކުރަން އިއުލާންކުރުމާ އެކު ރައީސް ސޯލިހު ރިޔާސީ ދެވަނަ ދައުރުގެ ޓިކެޓް ބަލިކަށިވީ ކަމަށެވެ.

"[އެހެންވީމަ ދެން] ބޮޑަށް ބެލެވެނީ ފަސް ޕަސެންޓްގެ ލަދަކުން ސަލާމަތްވުމަށް ދެވަނަ ވިސްނުމަކާ ދިމާލަށް ދިއުން." މަލީހު ވިދާޅުވި އެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި މަލީހު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން ޖޭޕީން ރޭ އިއުލާން މި ކުރީ ރިޔާސީ އިންތިިހާބާ ގުޅޭ ގޮތުން ދާދި ފަހުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ރައީސް ސޯލިހު ވެސް ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާ ވެސް ކޮށްފައި ވަނިކޮށެވެ. އެކަމަކު އޭރު ކުރެވުނު މަޝްވަރާތަކާ ބެހޭ އެއްވެސް ވާހަކައެއް ޖޭޕީން ހާމައެއްނުކުރެ އެވެ. އެ ޕާޓީ އަކީ މިހާރު ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ.

ރައީސް ވިދާޅުވެފައި ވަނީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން އެ މަނިކުފާނު ވާދަކޮށްފި ނަމަ އިންތިހާބު ކާމިޔާބުކުރަން ފަސޭހަވާނެ ކަމަށެވެ.