Last Updated: March 29, 16:28
Friday, March 29, 2024
ޚަބަރު

އަލުން ލޮކްޑައުންއަކަށް ނުދާނެ: ނަސީމު

ރާއްޖޭގައި މިހާރު އަނެއްކާ ވެސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލޮކްޑައުންއަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ހެލްތު މިނިސްޓަރު މުހައްމަދު ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ލޮކްޑައުންއަކަށް ދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ ނަސޭހަތަކީ ހުރިހާ ބޭފުޅުން ވެސް ވިސްނާލައިގެން އުޅެން. އެކީ އުޅޭ މީހުންނާ އެކީ ނަމަ މާސްކު ކަންތައް ލުއިކޮށްލި ނަމަވެސް ބޭރު ތަންތަނުގައި މާސްކު އެޅުން ރަނގަޅު." ނަސީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑާ އެކީ އުޅެން ދަސްކުރުމަކީ ރާއްޖޭގެ އިގުތިސާދަށް ވެސް އޮތް އެންމެ ރަނގަޅު ގޮތެވެ. އެހެންވެ ލޮކްޑައުން އަކީ ހައްލެއް ނޫން ކަމަށާއި އޭގެ ސަބަބުން އިގުތިސާދީ ގޮތުން އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެކަން ކުރިން ތަޖުރިބާކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައި އޮތުމަށް ފަހު މިހާރު އަނެއްކާ ވެސް ބަލި ޖެހޭ މީހުން ދަނީ އިތުރުވަމުންނެވެ. މިކަމާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ސިއްހީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެސް 1،202 މީހަކަށް ބަލިޖެހިފައިވެ އެވެ.