Last Updated: April 27, 06:22
Saturday, April 27, 2024
މުނިފޫހިފިލުވުން

ރަންބީރްގެ "ޝަމްޝޭރާ" އިން ލަވައެއް

އަންނަ މަހު ރިލީޒްކުރާ އަދި މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެކްޓަރު ރަންބީރް ކަޕޫރްގެ ފިލްމު "ޝަމްޝޭރާ" ގެ ލަވައެއް އާންމުކޮށްފި އެވެ.

އަންނަ މަހުގެ 22 ގައި ރިލީޒްކުރާ މި ފިލްމުގެ ޕްރޮމޯޝަންތައް މިހާރު ވަރަށް ބާރަށް ކުރިއަށް ގެންދާ އިރު، ފިލްމުގެ ލަވަތަކުގެ ތެރެއިން އެންމެ ފުރަތަމަ އާންމުންނަށް ދޫކޮށްލީ "ޖީ ހުޒޫރު" އެވެ. ގިނަ އަދަދެއްގެ ކުޑަކުދިންތަކަކާ އެކީ ރަންބީރްގެ ނެށުންތަކެއް ފެންނަ ލަވަ ކިޔާފައި ވަނީ ޓީވީ ހޯސްޓެއްގެ ގޮތުގައި މަޝްހޫރު އަދިތިޔާ ނާރަޔަން އެވެ. ލަވައިގެ މިއުޒިކާއި ޅެން ހެދީ މިތޫން އެވެ.

"ޖީ ހުޒޫރު" ގެ ސްޓެޕްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަންޒަރަކީ ލަވަ ފެށިގެން އަންނަ އިރު، ރަންބީރް ގެންގުޅޭ ސްކާފެއް "ވަރަށް ސްޓައިލްގައި" ވައްޓައިލާ ތަނެވެ. މި މަންޒަރުން އާކޮށް ދެނީ އޭނަގެ ފުރަތަމަ ފިލްމު 2007 ގެ "ސާވަރިއާ" ގެ ލަވަ "ޖަބް ސެ ތެރެ ނޭނާ" ގައި ހުސްގަޔާހުރެ ތުވާލި ވައްޓައިލާ މަންޒަރު ކަމަށް ލަވަ އަށް ކޮމެންޓްކުރި ގިނަ ބަޔަކު ވެސް ފާހަގަކޮށްފައިވެ އެވެ.

ރަންބީރް އަލަށް ޑަބަލް ރޯލަކުން ވެސް ފެންނާނެ "ޝަމްޝޭރާ" އަކީ ކަރަން މަލްއުތުރާ، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ހަދާފައިވާ ޕީރިއަޑް އެކްޝަން ފިލްމެކެވެ. މީގެ ކާސްޓްގައި ވާނީ ކަޕޫރާއި ސަންޖޭ ދަތު ވެސް ހިމެނެ އެވެ.

"ޝަމްޝޭރާ" އަކީ 2018 ގެ "ސަންޖޫ" އަށް ފަހު ރިލީޒްވާ ރަންބީރްގެ ފުރަތަމަ ފިލްމެވެ.