Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

މީރާ ސޯޝަލް މީޑިއާއާ ދުރަށް

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ދުވަސްކޮޅަކަށް ސޯޝަލް މީޑިއާއާ އަށް ދުރަށް ދާން ނިންމައިފި އެވެ.

އިންސްޓަގްރާމްގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ ފަންނާނު އާންމުކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ ސޯޝަލް މީޑިއާއާ ދުވަސްކޮޅަކަށް ދުރަށް ދަނީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ. އަދި ލަސްތަކެއް ނުވެ ކުރިއަށް ވުރެ ގަދަކޮށް ގިނަ ލަވަތަކަކާ ވެސް އެކީ އެނބުރި އަންނާނެ ކަމަށް ބުންޏެވެ. މީރާ މިހާތަނަށް އެތައް ލަވައެއް ކިޔަފާއިވާ އިރު، ވީޑިއޯއާ އެކު ވެސް އޭނަގެ ގިނަ ލަވަތަކެއް ރިލީޒްކޮށްފައިވެ އެވެ.

މީރާގެ އެ ޕޯސްޓްގައި ފޭނުންނާއި ސަޕޯޓަރުންދޭ ލޯތްބަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ. މީރާ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ދަރިއެކެވެ.

މި އަހަރުގެ ކުރީކޮޅު ސްކައި ރޮކް ބޭންޑާ މީރާ ވަކިވެފައިވާ އިރު، މިދިޔަ އަހަރު އޭނަގެ ކައިވެނި ވެސް ވަނީ ރޫޅިފަ އެވެ. އޭނަ ކުރިން ކައިވެނިކޮށްގެން އުޅުނީ "މޯލްޑިވިއަން އައިޑޮލް" ސީޒަން އެކަކުން ވިދި އަބްދުﷲ ފާލިހުއާ އެވެ.

މީރާ އަކީ އިންޑިއާގެ މަޝްހޫރު ބޭންޑް "ސަނަމް" އާ އެކު ވެސް ލަވައެއް ކިޔާފައިވާ ފަންނާނެކެވެ. އެ ލަވަ ޝޫޓްކުރީ އައްޑޫ ކެނަރީފް ރިސޯޓްގަ އެވެ.