Last Updated: April 26, 06:56
Friday, April 26, 2024
ވިޔަފާރި

ނޭޕާލުގައި ޕާނީ ޕޫރީ މަނާކޮށްފި

އިންޑިއާގެ ލުއި ކާނާއެއްގެ ގޮތުގައި އާންމުންގެ ތެރޭގައި ބޮޑު ކަމެއް ހޯދާފައިވާ ޕާނީ ޕޫރީ ނޭޕާލްގެ ބައެއް ހިސާބުތަކުގައި ވިއްކުން މަނާކޮށްފި އެވެ.

އެ ގައުމުގެ ލަލިތުޕޫރު މެޓްރޮޕޮލިޓަން ސިޓީ (އެލްއެމްސީ) ގައި ހޮނިހިރު ދުވަހުން ފެށިގެން ޕާނީ ޕޫރީ ވިއްކުން މަނާކުރީ ކޮލެރާގެ ކޭސްތަކެއް ފެނުމާ ގުޅިގެންނެވެ. އެގޮތުން ޕާނޫ ޕޫރީ ތައްޔާރުކުރަން ބޭނުންކުރާ ފެނުން ކޮލެރެއާ ޖަރާސީމު ފެނިފައިވާ ކަމަށް ކަމާބެހޭ އިދާރާރަކުން ބުންޏެވެ.

މި ސަބަބާ ހުރެ ޕާނީ ޕޫރީ ތައްޔާރުކޮށް، ވިއްކުން ވަގުތީ ގޮތުން މަނާކުރީ އެވެ. އަދި އެކަމަށް އަލުން ހުއްދަ ދޭނީ ހާލަތަށް އަންނަ ބަދަލަށް ބެލުމަށް ފަހު ކަމަށް ޕާނީ ޕޫރީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަންގާފައިވެ އެެވެ. މިކަމާ ގުޅިގެން އޭގެ ވިޔަފާރިކުރާ ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މައިގަނޑު ގޮތެއްގައި ޕާނީ ޕޫރީ އަކީ މަގުތައްމަތީގައި ސްޓޯލްތައް ބަހައްޓައިގެން ކުދި ވިޔަފާރިކުރާ އާދައިގެ މީސްމިހުން ވިއްކާ އެއްޗެކެވެ.

ނޭޕާލްގެ ހެލްތު އެންޑް ޕޮޕިއުލޭޝަން މިނިސްޓްރީން ބުނި ގޮތުގައި ކޮލެރާ ޖެހިގެން ރިޕޯޓްކުރި ކޭސްތަކުގެ އަދަދު މިހާރު 12 އަށް އަރަ އެވެ.