Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

ޑެޕަށް ޑިޒްނީގެ ހުށަހެޅުމެއް ނުލިބޭ: ތަރުޖަމާނު

ކުރީގެ އަންހެނުން އަދި ބަތަލާ އެމްބާ ހާޑް، އެކްޓަރު ޖޯނީ ޑެޕްގެ މައްޗަށް ކުރި ގެވެށިއަނިޔާގެ ތުހުމަތުތަކާ ގުޅިގެން ކުރި އަބުރުގެ ދައުވާ ޑެޕަށް ކާމިޔާބުމާ ގުޅިގެން ޑިޒްނީން އަލުން "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ކުރިއަށް އޮތް ފިލްމަށް ޑެޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ އެނަގެ ތަރުޖަމާން ދޮގުކޮށްފި އެވެ.

އަބުރުގެ ދައުވާ ޑެޕަށް ކާމިޔާބުވި ފަހުން، މީޑިއާތަކުން ފާއިތުވި ދެ ހަފުރާއެއްހާ ދުވަގެ ތެރޭގައި އެންމެ ބޮޑަށް ދެކެވިފައިވާ އެއް ވާހަކަ އަކީ ޑެޕަށް ކުރެވުނު ތުހުމަތާ ގުޅިގެން ޑިޒްނީން އޭނާއާ އެކީ މަސައްކަތްނުކުރަން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، މައާފަށް ވެސް އެދި އާ ފިލްމުން ފުރުސަތުދީ 300 މިލިއަން ޑޮލަރުގެ ހިށަހެޅުމެއް ވެސް ހުށަހެޅި ވާހަކަ އެވެ.

މީޑިއާތަކުން ބުނީ ޑެޕަށް ހާޑްކުރި ކުރި ތުހުމަތުގައި "ބުރަދަނެއް ނެތްކަން" ސާބިތުވުމުން ޑިޒްނީން މިހާރު ބޭނުން ވަނީ އެ މީހުންނަށް ހެދުނު ގޯސް ރަނގަޅުކޮށް، އަލުން ޑެޕާ ސުލްހަވާށެވެ. ނަމަވެސް ޑޒްނީން ހުށަހެޅުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ޑެޕްގެ ތަރުޖަމާނު ޕީޕަލް މަޖައްލާ އަށް ބުންޏެވެ.

ޑެޕާއާ އެކު މަސައްކަތް ނުކުރަން ޑިޒްނީން ނިންމީ 2018 ގަ އެވެ.

އެ ސްޓޫޑިއޯގެ ކާމިޔާބު ފްރެންޗައިޒް "ޕައިރޭޓް އޮފް ދަ ކެރީބިއަން" ގެ ފަސް ފިލްމުގެ މައިގަނޑު ކެޕްޓަން ޖެކް ސްޕެރޯގެ ރޯލު ކުޅުނީ ޑެޕެވެ. އެކަމަކު އޭނާއާ ނުލައި ހަ ވަނަ ފިލްމު ހަދަން ނިންމުމުން އެ ނިންމުން ޑިޒްނީ ބަދަލުކުރަން ޑެޕްގެ އެތައް ފޭނުންނަށް މިހާތަނަށް ގޮވާލާފައިވެ އެވެ.

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ޕްރޮޑިއުސަރު ޖެރީ ބުރްކެއިމާ މިދިޔަ މަހު ޓައިމްސް އަށް ދިން އިންޓަވިއުއްގައި ބުނެފައި ވަނީ އެ ސީރީޒްގެ އިތުރު ދެ ފިލްމެއް ހަދަން ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން އެކައްޗަކީ ބަތަލާ މާގޯ ރޮބީ ހިމަނައިގެން ހަދަން ނިންމާފައިވާ އެއްޗެއް ކަމަށް ބުންޏެވެ. އަދި ޑެޕް ފިލްމުން ފެނިދާނެތޯ ސުވާލުކުރުމުން ޕްރޮޑިއުސަރު ބުނީ އެފަދަ ގޮތެއް އަދި ނިންމާފައި ނެތް ކަމަށެވެ.

އެޕްރީލް މަހު ޑެޕް، 59، ދިން އިންޓަވިއުއެއްގައި އާ ފިލްމުގެ ސްކްރީންޕްލޭގައި ހިއްސާވާން ޑިޒްނީން އެދުނު ކަމަށާއި އެކަމަކު ދެން ކިތަންމެ ބޮޑު އަގެއް ދިނަސް އޭގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވާނެ ކަމަށް ބުނެފައިވެ އެވެ. "ޕައިރޭޓްސް އޮދް ކެރީބިއަން" އަކީ 2003 ގައި ގެނެސްދޭން ފެށި ވަރަށް ކާމިޔާބު ފްރެންޗައިޒެކެވެ. މީގެ ފަސް ވަނަ ފިލްމު "ޑެތު މެން ޓެލް ނޯ ޓޭލްސް" ރިލީޒްކުރީ 2017 އެވެ.