Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

މަސްދަރު ހާމަކުރެވޭ ބިލާ ދެކޮޅަށް ނޫސްވެރިން ނުކުމެއްޖެ

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވެސް ހުރަސްއެޅޭ ގޮތަށް އެކުލަވާލާފައިވާ ހެއްކާ ބެހޭ ބިލް މިއަދު ފާސްނުކޮށް، އިސްލާހުކޮށްދޭން ނޫސްވެރިން ތަމްސީލްކުރާ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މަޖިލީހުގައި އެދިއްޖެ އެވެ.

އެ ބިލާ މެދު މީޑިއާތަކުގެ ކަންބޮޑުވުން އޮއްވައި މަޖިލީހުން މިއަދު ވަނީ އެ ބިލް ފާސްކުރަން އެޖެންޑާކޮށްފަ އެވެ. ބިލް މިއަދު ފާސްކުރުމުގެ ބަދަލުގައި މީޑިއާތަކުން ހުށަހެޅީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބެންދެން ފާސްނުކުރުމަށެވެ. މިކަމާ ގުޅިގެން ނޫސްވެރިންތަކެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.

އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި އަދި ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހެއްކާ ބެހޭ ބިލްގެ 136 "ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ހާލަތްތައް ބަޔާންކުރާ" މާއްދާ މިހާރު އޮތް ގޮތުންނެވެ. އޭގައި މިހާރު އޮތީ ނޫސްވެރިން ގެނެސްދޭ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފަ އެވެ.

އެހެންވެ މިއީ މިނިވަން ނޫސްވެރިކަމަށާއި ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަމެއް ކަމަށް މީޑިއާތަކުންނާއި ނޫސްވެރިން ވެސް އަންނަނީ ބުނަމުންނެވެ. އެމްޖޭއިން ބުނީީ މާއްދާ މިހާރު އޮތް ގޮތުން މަސްދަރު ހާމަކުރަން ނޫސްވެރިންނަށް އެންގުމުގެ ފުރުސަތު ވަރަށް ފުޅާކޮށް ކޯޓުތަކަށް ލިބި ދީފައިވާ ކަމަށެވެ.

އެހެންވެ މީގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މީހުން ފަސްޖެހި ނޫސްވެރިންނަށް ބޮޑެތި އަދަބުތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.