Last Updated: May 8, 18:18
Wednesday, May 8, 2024
ޚަބަރު

ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕްތަކެއް

ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނާސިން ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލާއި ވިލާ ކޮލެޖް ގުޅިގެން ކުރިއަށް ގެންދާ ސްކޮލޝިޕް ޕްރޮގްރާމްގެ ދަށުން ޑިޕްލޮމާ އަދި އަންޑަ ގްރެޑުއޭޓް ޑިގްރީ އަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހަތް މީހަކަށް ދޭން ވަނީ ހަމަޖައްސައިފަ އެވެ. ޓްރީޓޮޕުން ބުނީ މިއީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ޒުވާނުންނަށް މަގުފަހިވާނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ވިލާ ކޮލެޖްގެ އަންނަ ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި ކުރިމަތިލުމަށް ހުޅުވާލި ބީއެސްސީ (އޮނާސް) ނާސިން (އިންޓަނޭޝަނަލް) ޓޮޕް-އަޕް އަދި ޑިޕްލޮމާ އިން ނާސިން، މި ދެކޯހުގެ ބައިވެރިންގެ ތެރެއިން ޖުމަލް ހަތް ބައިވެރިއަކަށް ޓްރީ ޓޮޕް ސްކޮލަޝިޕް ލިބޭނެ އެވެ. އޭގެތެރޭގައި ހިމެނެނީ ބީއެސްސީގެ ދެ ޖާގަ އާއި ޑިޕްލޮމާ އަށް ފަސް ޖާގަ އެވެ. ސްކޮލަޝިޕްތައް ދޭނީ ވިލާ ކޮލެޖްގެ އެޑްމިޝަން ކަންތައް ނިމި، އެ ކޯހުން ޖާގަ ޔަގީންކޮށްފައިވާ ދިވެހި ދަރިވަރުންނަށެވެ.


ޝައުގުވެރިވާ ދަރިވަރުން، ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު މަހު 19 ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ސްކޮލަޝިޕްތަކުގެ މަގުސަދަކީ ސިއްހީ ދާއިރާގައި ދިވެހި ޒުވާން މަސައްކަތްތެރިން އުފެއްދުމާއި ތައުލީމީ ރޮނގުން ނަރުހުން ބާރުވެރިކޮށް، ހިދުމަތް ފުޅާކުރުން ކަމަށެވެ.