Last Updated: April 27, 06:22
Saturday, April 27, 2024
މުނިފޫހިފިލުވުން

ކެމެރަން ޑައަޒް އަލުން އެކްޓިން އަށް

ފިލްމު ކުޅުން ހުއްޓާލައިގެން ހުރި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ކެމެރަން ޑައިޒް އަނެއްކާ ވެސް ފިލްމީ މަސައްކަތްތަކަށް ނުކުންނަން ނިންމައިފި އެވެ.

ފިލްމު ކުޅުން ހުއްޓާލިކަން 2019 ގައި އިއުލާންކުރި 49 ގެ ބަތަލާ ސޮއިކުރި އާ ފިލްމަކީ ނެޓްފްލިކްސްގެ "ބެކް އިން އެކްޝަން" އެވެެ. މި ފިލްމުގައި ޑައަޒްއާ އެކީ އެންމެ މުހިއްމު ރޯލެއް އޭނަ އެންމެ ފަހުން ކުޅުނު 2014 ގެ "އެނީ" ގެ ރޯލެއް ވެސް ކުޅުނު ޖެމީ ފޮކްސް ކުޅޭނެ އެވެ.

ދެ ތަރިން އެކީގައި އަލުން ފިލްމެއްގެ މަސައްކަތް ނުކުމެވޭތީ އުފަލުން ފޮކްސް ވެސް ޓްވީޓްކޮށްފައިވެ އެވެ. އަދި އަލުން އެކްޓިން އެނބުރި އަންނަ ވާހަކަ އާއި ފޮކްސްއާ އެކީ މަސައްކަތްކުރެވޭތީ ފިލްމުގެ ޝޫޓިން ވެސް ފަށަން ކެތްމަދުވެފައި ހުރި ކަމަށް ޑައަޒް އިންސްޓަގްރާމް ސްޓޯރީގައި ބުންޏެވެ.

"ބެކް އިން އެކްޝަން" ގެ ޝޫޓިން މި އަހަރުގެ ތެރޭގައި ފަށަން ހަމަޖެހިފައި އޮތް ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޑައަޒް ކުރިން ބުނެފައިވާ ގޮތުގައި ދެން ބޭނުން ވަނީ ހުރިހާ ވަގުތެއް އާއިލާ އާއި ދަރިންނަށް ދޭށެވެ. އޭނަ ބުނި ގޮތުގައި ފިލްމީ މަސައްކަތަކީ ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަކަށްވާތީ ކެރިއަރަށް ވުރެ އިސްކަން ދެވެނީ އާއިލާއަށެވެ.

ޑަޔަޒް ކައިވެނިކުރީ 2015 ގަ އެވެ. އޭނަ އާއި މިއުޒިޝަން ބެންޖަމިން ލެވީ މެޑެން (ބެންޖީ މެޑެން)، 43، އަށް ސަރޮގޭޓްކޮށްގެން އަންހެން ދަރިޔަކު ލިބުނީ 2019 ގަ އެވެ.

ޑައަޒް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދަ މާސްކް" އާއި "މައި ބެސްޓް ފްރެންޑްސް ވެޑިން" އާއި "ޗާލީޒް އެންޖެލް" ސީރީޒް އަދި "ގޭންގްސް އޮފް ނިއު ޔޯކް" އާއި "ނައިޓް އެންޑް ޑޭ" އަދި "ވެނީލާ ސްކައި" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.