Last Updated: April 25, 16:55
Thursday, April 25, 2024
ޚަބަރު

އައްޑޫ ބިން ހިއްކުން މުހިންމު: ނަޝީދު

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫސިޓީގެ ބިން ހިއްކުމަކީ މުހިންމު ކަމެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވަނީ އައްޑޫ ހޮސްޕިޓަލްގެ ހާލަތާ އަދި އައްޑޫ ބިން ހިއްކުމުގެ ކަންކަމާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެސުވާލަށް ޖަވާބުު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކޮށްގެން އެކަން ކުރިއަށް ގެންދާއިރު، ސަރުކާރުން އައްޑޫގެ ތަރައްގީއަށް ބޮޑު އަހަމިޔަތެއް ދޭކަމަށެވެ. އަދި ހޮސްޕިޓަލްގެ މަސައްކަތްތަކަށްވެސް ވެސް ސަރުކާރުން އަހައްމިޔަތުކަން ދޭކަމަށެވެ.

"ސަރުކާރަށް [އައްޑޫގެ ކަންކަމުގައި] އަޅާލެވެން ޖެހޭ މިންވަރަށް ނުވަތަ އަޅާލަން އެދޭ މިންވަރަށް އަޅާނުލެވޭކަމަށް އަޅުގަނޑުވެސް އިއުތިރާފުވާނަން. އެހެންނަމަވެސް އެއީ އެއްވެސް ހާލެއްގައި އެކަން ސަރުކާރުން ކުރަން ނުއެދޭތީކަމަކަށް އަޅުގަނޑުގެ ހިތަކަށް ނުވަދޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ބިން ހިއްކުން މުހިންމު ކަމަށާއި އެކަމާ މެދު މަޖިލީހުގެ ކޮމިޓީތަކުގައި އެކި ބާވަތުގެ މަޝްވަރާ ކުރިއަށްދިއުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. ބިން ހިއްކުމުން ލިބިދާނެ ގެއްލުންތައް ވެސް ދެނެގަތުން މުހިންމު ކަމަށާއި، އަދި އެ ގެއްލުންތައް ކުޑަވާނެ ގޮތެއް ހޯދުންވެސް ބޭނުންތެރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ބިން ހިއްކުމުގެ މަސައްކަތަށް މަޖިލީހުގެ އެމްޑީޕީގެ އެއްވެސް މެމްބަރަކު ދެކޮޅު ނުހައްދަވާނެ ކަމަށެވެ.