Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ފްލޯޓިން ސިޓީ އޮތްގޮތް ނޭނގުނީ ކަމަށް ވެދާނެ

ފްލޯޓިން ސިޓީ އެކުލަވާލާފައި އޮތްގޮތް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ނޭންގުނީ ކަމަށް ވެދާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފްލޯޓިން ސިޓީގެ ކަންކަމާ ގުޅޭގޮތުން "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައީސް ނަޝީދާ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ، ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން ބޭނުންވަނީ ފްލޯޓިން ސިޓީގެ ހުރިހާ ތަނެއް ޓޫރިޒަމް ގާނޫނުގެ ދަށުން ވިއްކާ ތަންތަނަށް ހެދުމަށް ކަމަށާއި، އެހެންނަމަވެސް އޭގެން އެއްބައެއް ސޯޝަލް ހައުސިންގައި ވިއްކުމަށް އެމަނިކުފާނު އެދެލެއްވި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފްލޯޓިން ސިޓީގެ ތެރެއަށް ސޯޝަލް ހައުސިންގެބައި ގެނައުމަށް އެކޮނޮމިކް ކައުންސިލުން ނުރުހުނު ކަމަށެވެ.

"ދެން އަޅުގަނޑަށް ހީވަނީ، ފައްޔާޒަށް އެނގިވަޑައިނުގަތީހެން އޭތި އެކުލަވާލާފައިއޮތް ގޮތް."

"އަޅުގަނޑަށް ހީވަނީ ޑރ. މައުސޫމަކީ މި އިލްމުގެ ބޭފުޅެއް. އެބޭފުޅާއަށް މިކަން ވަރަށް ރަނގަޅަށް ސާފުވެގެން އެކަމާ ގުޅޭ ކޮންޓްރެކްޓް އޮތީ ހައްދަވާފަ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން މާލެ އަތޮޅުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ފްލޯޓިން ސިޓީ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނެސް އާ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ ޖޫން 23 ވަނަ ދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލް އަށް ކުރިއަށް ގެންދާ ގޮތަށް ބަދަލުކުރުމަށް ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށާއި އެ މަޝްރޫއު ހިންގަމުން އަންނަ މޮޑެލް ބަދަލުކުރުމަށް ޓްރާންސްފާ ފީއެއްގެ ގޮތުން 1،000،000 ޑޮލަރު ސަރުކާރަށް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަން އެ ގޮތަށް ނިންމަން ޖެހުނީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް ދެމެހެއްޓުމަށް ބޭނުންވާތީ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޑަޗް ޑޮކްލޭންޑްސް އިން ބުނީ ފްލޯޓިން ސިޓީ ޕްރޮޖެކްޓަށް އަލަށް ގެނައި ބަދަލުތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މި މަޝްރޫއު އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ބަދަލުވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއީ ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މީގެ އެއްބަސްވުމުގައ ފުރަތަމަ ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 9 ގަ އެވެ.