Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އުދައިގައި ބައެއް ޓޫޒިޒަމް ޒޯންތައް "ދޮވެލި"

ހިތަދޫގެ ޓޫރިޒަމް ޒޯނެއް. ފޮޓޯ/ ސިޓީ އޮފް އައްޑޫ

އައްޑު އަށް އިއްޔެ އެރި އުދައިގައި ބައެއް ޓޫރިޒަމް ޒޮންތަކަށް ވެސް ވަރަށް ބޮޑަށް އުދަ އަރައި ގިނަ ތަންތަން "ދޮވެލައިފި" އެވެ.

އެގޮތުން ހިތަދު އާއި ފޭދޫގެ އިތުރުން ހުޅުދޫގެ ޓޫރިޒަމް ޒޯންތަކަށް ލޮނު އަައި އެތަންތަން ވަރަށް ބޮޑަށް ގޮނޑުވެފައިވެ އެވެ. ނަމަވެސް އައްޑޫގެ ޓޫރިޒަމް ޒޯންތަކުގެ ތެރެއިން އެންމެ ހިތްގައިމުކޮށް އޮތް މީދުގެ ޓޫރިޒަމްގެ އެއްވެސް ޒޯނަކަށް އަދި އެ އަވަށުގެ އެއްވެސް ހިސާބަކަށް އިއްޔެ އުދައިގެ އަސަރުކޮށްފައެއް ނުވެ އެވެ.

އިއްޔެ އުދައިގައި އަސަރުކުރި ޓޫރިޒަމް ޒޯންތަކަކީ ސާފުކޮށް ބަލައްޓައި، އެތަންތަނުގެ ރޫތިކަން ދަމަހައްޓަން ވެސް މަސައްކަތްކުރެވެމުން އަންނަ ތަންތަނެވެ.

އައްޑޫގެ ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ފަސް ސަރަހައްދެއް ކަނޑައަޅާފައިވެ އެވެ. އަދި މިތަންތަނުގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން ފެސިލިޓީތައް ހަދަން 95 ބިމެއް ހަމަޖައްސާފައިވެ އެވެ. މީގެ ތެރެއން ގިނަ ބިންތަކެއް އެކިއެކި ފަރާތްތަކާ އެގްރިމަންޓް ހަދައި ހަވާލުކޮށްފައި އޮތަސް މިހާތަނަށް އެއްވެސް ޒޯނެއްގައި ފެސިލިޓީެއް ހަދައި ނިމިފައެއް ނުވެ އެވެ. އެކަމަކު ބައެއް ޒޯންތަކުގައި ފެސިލިޓީތަކުގެ އަމަލީ މަސައްކަތް ފަށާފައިވެ އެވެ.

ޓޫރިޒަމް ޒޯންތަކުގެ އެއް އަމާޒަކީ އައްޑޫގެ ޓޫރިޒަމް އެނދު 8،000 އަށް އިތުރުކުރުމެވެ. އެގޮތުން ކައުންސިލުން ބުނެފައިވާ ގޮތުގައި ޒޯންތައް ތަރައްގީކުރަން ކެރެވޭ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ތެރެއިން މަދުވެގެން 4،140 އެނދު ތަރައްގީކުރެވޭނެ އެވެ.

ހުޅުދޫގެ ޓޫރިޒަމް ޒޯނެއް.

އައްޑޫގެ ޓޫރިޒަމް ޒޯންތަކަކީ ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އާއި ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނާއި "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނާއި އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނެވެ.

އެކަމަކު މި މަޝްރޫއުގެ ތެރެއިން އަމަލީ މަސައްކަތް އެދެވޭ ގޮތަކަށް ކުރިއަށް ނުދާތީ ކައުންސިލުން ޒޯންތަކުގައި ފެސިލިޓީތަކެއް ހަދަން ނިންމާފައިވެ އެވެ. އެކަމަކު އެކަމާ ގުޅޭ މަސައްކަތްތަކެއް ވެސް ކުރިއަށްދާ ތަނެއް ނުފެނެ އެވެ.

އިއްޔެ އައްޑޫގެ ބައެއް އަވަށްތަކަށް އުދައަރައި ގެއްލުންތަކެއް ލިބުނި އިރު މިއަދު މެންދުރު ފަހު 2:00 އިން ހަވީރު 6:00 އާ ދޭތެރޭ އުދަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފައިވެ އެވެ.