Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

މޫސުމާ ހެދި ވެސް ރާއްޖޭގެ ދަރަނި އިތުރުވެދާނެ

މޫސުމީ ގޮތުން ރާއްޖެ އަށް ކުރިމަތިވަމުންދާ މައްސަލަތަކާ ހެދި ދަރަނި މަތިވުމުގެ މައްސަލަތައް ވެސް ދިމާވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އިއްޔެ އެރި އުދައިގައި ލިބުނު ގެއްލުންތަކާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިޔަވަރު ބޮޑުވެ އުދައެރުން ފަދަ ކްލައިމެޓް ޗޭންޖާ ގުޅުން ހުރި މައްސަލަތަކަކީ ރާއްޖެ އަށް ގޮންޖެހުމެއް ކަމަށެވެ. އަދި މިފަދަ ކަންކަމުމަން ރައްކާތެރިކަން ހޯދަން ކުރެވޭ މަސައްކަތުގެ ތެރެއިން މިހާރު ވެސް ދަރަނީގެ މައްސަލަ ބޮޑު ރާއްޖެ އަށް އިތުރަށް ދަރަނީގެ މައްސަލަ ބޮޑުވެދާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު އެގޮތަށް އިޝާރާތްކުރެއްވީ މިފަދަ ގެއްލުންތަކާ ގުޅިގެން ބޭރުން އެހީ ހޯދަން ވެސް މަޖުބޫރުވެ، ދަރަނީގެ މައްސަލަ އިތުރަށް ބޮޑުވެދާނެތީ ކަމަށް ބެލެވެ އެވެ.


އެ މަނިކުފާނުގެ ޓްވީޓްގައި ވަނީ އިއްޔެގެ އުދައިގައި ގޭގެ އާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އެއާޕޯޓް ފަދަ ތަންތަނަށް އުދައިގައި ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރައްވައިފަ އެވެ.

ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކަކީ ރާއްޖެ ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ބޮޑަށް އަޑު އުފުލައި ވަކާލާތުކުރާ އެއް މައްސަލަ އެވެ. ހާއްސަކޮށް ބިންތިރި ރާއްޖެ ފަދަ ޖަޒީރާ ގައުމުތައް ދެމިއޮތުމާ މެދު އެންމެ ބޮޑަށް ސުވާލު އުފައްދާ އެއް ކަމަކީ ވެސް މިހާރު މޫސުމީ ބަދަލުތަކެވެ.