Last Updated: April 20, 10:35
Saturday, April 20, 2024
ޚަބަރު

އެއްޖިންސުން ގުޅުން ހިންގާ އިރު ސަރުކާރު އޮތީ ކުޅިބަލަން

އުމަރު ނަސީރު--

ރާއްޖޭގައި އެއްޖިންސުން ގުޅުންހިންގުން އާންމުވެފައިވާއިރު ސަރުކާރު އޮތީ ކުޅިބަލަން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުން ފެތުރުމަށް ރާއްޖޭގައި އޮފީސް ގާއިމް ކޮށްގެން ތިބެ ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތު ކޮށްފައެވެ.

"ލިވާތު ކުރުމަކީ ބޮޑުކަމެއް ނޫން ކަމަށް ދައްކާ، ރާއްޖޭގައި LGBT ފެތުރުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. މި މަސައްކަތުގައި، ރާއްޖޭގައި އޮފީސް ގާއިމް ކޮށްގެން ތިބެ މަސައްކަތްކުރާ ބައިނަލް އަޤްވާމީ ޖަމާއަތްތަކާ ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ ޖަމާއަތްތައްވެސް ހިމެނެއެވެ." އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު ވިދާޅުވީ ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމަކުން ޤަބޫލުކުރާ ދީނީ އަދި އަޚުލާގީ މިންގަޑުތަކެއް ހުންނާނެ ކަމަށާއި އެމިންގަޑުތައް ދިފާއުކޮށް، އެ މިންގަޑުތައް ދެމެހެއްޓުމަކީ އެ ޤައުމަކުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

ރާއްޖޭގައި ގާއިމް ކޮށްފަ ހުންނަ އޮފީހަކުން ނުވަތަ އެ އޮފީހުގައި ހުންނަ ފަރާތަކުން މިފަދަ ކަމަކަށް ހިތްވަރު ދީފިނަމަ އެ އޮފީހެއް ބަންދު ކުރަން ވާނެ ކަމަށާއި ނުވަތަ އެ މީހަކު ފޮނުވާލަންވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ދިވެހިންގެ ތެރެއިން ބަޔަކު އެފަދަ އަމަލެއް ކޮށްފިނަމަ، ހައްޔަރު ކޮށް ފަޑިޔާރެއްގެ ކުރިމައްޗަށް ގެންނަން ވާނެ ކަމަށެވެ.

"އެއީ އެކަން ކުރީ 'ޝާހީ' އާއިލާ އަކުން ވިޔަސް މެއެވެ."

އުމަރު ވިދާޅުވީ ދިވެހިންގެ ތެރޭގައި ފާހިޝް އަމަލުތައް ބޮޑުވުމުގެ ސަބަބުން ބަލިތައް ފެތުރުމާ، ރޭޕް ގިނަވުމާ، ހަށިވިއްކުމާ، ކުޑަކުދިންނާމެދު ބަދު އަޚުލާގީ އަމަލު ހިންގުން ފަދަ ކަންކަން އާންމު ވަމުން އަންނައިރު ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައި ކަމަށެވެ.

ނުހަނު ފަހުން ސޯޝަލްމީޑިއާގައި ވަނީ އެކި މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯތަކެއް އާންމުވެފައެެވެ. އަދި އެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.