Last Updated: April 27, 10:04
Saturday, April 27, 2024
މުނިފޫހިފިލުވުން

އައިޝްވާރިއާގެ ފިލްމުގެ މޯޝަން ޕޯސްޓަރެއް

އިންޑިއާގެ މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީ ގިނަ ދުވަސްތަކެއްގެ ފަހުން ބޮޑު ސްކްރީނަށް އެނބުރި އަންނަ ފިލްމު "ޕޮނިޔިން ސެލްވަން" ގެ މޯޝަން ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމުގެ ބައެއް ކާސްޓުންގެ ސްޓިލް ޕޯސްޓަރުތަކެއް ވެސް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ދައްކާލާފައިވެ އެވެ. ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ "ޕޮނިޔިން ސެލްވަން" އަކީ މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމް ޑައިރެކްޓްކޮށްފައިވާ ޕީރިއަޑް ޑްރާމާ ފިލްމެކެވެ.

އައިޝްވާރިއާ ޑަަބަލް ރޯލެއް ކުޅެފައިވާ ފިލްމުގެ މައިގަނޑުގައި ހިމެނެނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީ އަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން މީގެ ކާސްޓްގައި ވިކްރަމް، ޖަޔަމް ރަވީ، ކާތީ، ޓްރިޝާ އަދި ޖަޔަރާމް ފަދަ ތަރިންނާ އެކު ވަރަށް ބޮޑު ކާސްޓެއް "ޕޮނިޔިން ސެލްވަން" ޕާޓް ވަން އިން ފެންނާނެ އެވެ.

ޖުމްލަ 500 ކްރޯޑް ރުޕީސް (64.7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދާފައިވާ މި ފިލްމަކީ ކުރީގެ މަޝްހޫރު ލިޔުންޔެރިޔާ ކަލްކީ ކްރިޝްނަމުރުތީ "ސެލްވަން ޕޮނިޔިން" ގެ ނަމުގައި 1955 ގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ގެނެސްދޭ އެއްޗެކެވެ. މިއީ އިންޑިއާގެ ކުރީގެ ސަގާފަތާއި އާދަކާތައް ވަރަށް ބޮޑަށް ފެނިގެން ދާނެ އެއްޗެކެވެ.

"ޕޮނިޔިން ސެލްވަން" ގެ ޑައިރެކްޓަރު މަނީ ރަތުނަމް އަކީ އައިޝްވާރިއާ އެކްޓިން އަށް ވެސް ނެރެދިން ޑައިރެކްޓަރެވެ. އެއީ 1997 ގެ "އިރުވަރު" އިންނެވެ. އޭގެ ފަހުން އެ ދެ މީހުން އެކީގައި "ގުރޫ" އާއި "ރާވަން" ގައި ވެސް މަސައްކަތްކުރި އެވެ. އާންމުކޮށް ތަމަޅަ ފިލްމުތައް ހަދާ މަނީ ރަތުނަމް އަކީ "ރޯޖާ" އާއި "ބޮމްބޭ" އަދި "ދިލް ސޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަގެ އާ ފިލްމުން އައިޝްވާރިއާ ގިނަ ދުވަސްތަކެއް ފަހުން ބެލުންތެރިންނާ ބައްދަލުކުރާ އިރު، ކުރީގެ މިސް ވޯލްޑްގެ އެންމެ ފަހުގެ ފިލްމަކީ ކަރަން ޖޯހަރް 2016 ގައި ގެނެސްދިން "އޭ ދިލް ހެ މުޝްކިލް" އެވެ.