Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

އެމްޑީޕީގެ އެއް ބާނީ ގޯގޯ ލަތީފު އަވަހާރަވެއްޖެ

ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދުމުގެ އެއް ބާނީ މުހައްމަދު ލަތީފު (ގޯގޯ ލަތީފު) އަވަހަރާވެއްޖެ އެވެ.

އޭނަ އަވަހާރަވުމާ ގުޅިގެން އެ އެ ޕާޓީގެ މިހާރުގެ ޗެއާޕަސަން ފައްޔާޒް އިސްމާއީލް ވެސް ހިތާމަ ފާޅުކޮށް ޓްވީޓްކޮށްފައިވެ އެވެ. އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ލަތީފަކީ ޕާޓީ ވުޖޫދަށް ގެނެސް ދިވެހި ރައްޔިތުން ގެ އިންސާނީ ހައްގުތައް ހޯދައި ދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަދި އަގުނުކުރެވޭ ގުރުބާނީތަކެއް ވެފައިވާ ހިއްވަރުގަދަ ދިވެހި ދަރިއެއް ކަމަށެވެ.

ސްރީ ލަންކާގައި ދިރިއުޅުއްވަމުން ގެންދެވި ލަތީފު އެ ގައުމުގައި އަވަހާރަވީ އާލާސްކަންފުޅާ ވެސް އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ.

އޭނަ އަވަހާރަވުމާ ގުޅިގެން އެމްޑީޕީގެ އެކިއެކި އިސް ބޭފުޅުންނާއި ސިޔާސީ ގިނަ ބޭފުޅުން ގެންދަވަނީ ތައުޒިޔާ ދަންނަވަމުންނެވެ.

އެމްޑީޕީ ވުޖޫދަށް ގެނެސް ސިޔާސީ މަސައްކަތްތައް ރާއްޖޭގައި ފުޅާކުރުމުގެ ދޮރު ގޯގޯ ލަތީފު ހުޅުއްވައި ދެއްވިޔަސް އޭނަ އަކީ ސިޔާސީ މަސައްކަތްތަކުގައި އަމަލީ ގޮތުން އެހާ ބޮޑަށް އުޅުއްވި ބޭފުޅެއް ނޫނެވެ. އެކަމަކު ގދ. ތިނަދު އަށް އުފަން ލަތީފަކީ 1989 ވަނަ އަހަރު ރައްޔިތުުންގެ މަޖިލިސް މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފުރަތަމަ އުފުދުނު އެމްޑީޕީގެ ވެރިކަމުގައި ހިއުމަން ރައިޓްސް އެމްބެސެޑަރުގެ މަގާމު ވެސް ފުރުއްވާފައިވައިވެ އެވެ.