Last Updated: April 20, 06:38
Saturday, April 20, 2024
މުނިފޫހިފިލުވުން

ބަތަލާ ލިންޒީ ކައިވެނިކޮށްފި

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ލޯބިވެރިޔާ ބޭޑާ ޝަމަސްއާ އެންގޭޖްވި ހޮލީވުޑްގެ ބަތަލާ ލިންޒީ ކައިވެނިކޮށްފި އެވެ.

ކައިވެނިކުރި ވާހަކަ މާ ނޫން ގޮތަކަށް ލިންޒީ ފޭނުންނާ ހިއްސާކުރީ އިއްޔެ ފާހަގަކުރި އޭނަގެ 36 ވަނަ އުފަން ދުވަސް ފާހަގަކުރަން އިންސްޓަގްރާމްގައި ބައިވެރިޔާއާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީގަ އެވެ. އޭގައި ލިންޒީ ބުނީ އޭނަ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ އުފާވެރި އަންހެނާ ކަމަށާއި ޝަމަސް ކަހަކަ ފިރިއެެއް ލިބުމަކީ ހަޔާތުގެ އެންމެ ބޮޑު އުފާ ކަމަށެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި ލިންޒީ އާއި ޝަމަސް ލޯބީގެ ގޮތުން ގުޅުނީ މީގެ ތިން އަހަރެއްހާ ކުރިންނެވެ. އަދި އެ މީހުން ފުރަތަމަ ބައްދަލުވީ ދުވަސްތަކެއް ވަންދެން ލިންޒީ ދިރިއުޅުނު ދުބާއީންނެވެ. ޝައްމަސް އަކީ ސްވިސް އިންވެސްޓްމަންޓް ބޭންކް، ކްރެޑިޓް ސްވީޒްގެ ވައިސް ޕްރެޒިޑެންޓެވެ.

ލިންޒީ ކައިވެނިކުރި އިރު، 2016 ގައި ރަޝިއާގެ ވިޔަފާވެރިޔާއެއް ކަމަށްވާ އިގޯ ޓަރަބަސޯވްއާ ވެސް ލިންޒީ އެންގޭޖްވި އެވެ. އެކަމަކު އެންގޭޖްމަންޓް އަހަރެއް ފަހުން ރޫޅައިލީ އެވެ. ލިންޒީ އާއި ސައުދީ އަރަބިއްޔާގެ މިހާރުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ދެމެދު ހާއްސަ ގުޅުމެއް އޮތްކަމުގެ އަޑުތަކެއް ވެސް މީގެ ދެ އަހަރެއް ކުރިން އެރި އެވެ.

އުމުރުން ވަރަށް ކުޑައިރު އެކްޓިން އަށް ނުކުތް ލިންޒީގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "އެމަންގް ދަ ޝެޑޯސް" އެވެ. އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ލައިފް-ސައިޒް"، "ފްރީކީ ފްރައިޑޭ"، "އައި ނޯ ހޫ ކިލްޑް މީ" އަދި "އިންއެޕްރޮޕްރިއޭޓް ކޮމެޑީ" ހިމެނެ އެވެ.

ލިންޒީގެ ކުރިއަށް އޮތް ފިލްމަކީ އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރާ ރޮމޭންޓިކް ކޮމެޑީ "ފޯލިން ފޮ ކްރިސްމަސް" އެވެ.