Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އާޒިމްގެ ބައްޕަ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް

މިސްކިތެއް ބިނާކުރަން ބައްޕަ ދެކުނު ހުވަފެން ހަގީގަތަކަށްވުމަކީ ބޮޑު ވަރަށް އުފަލެއް ކަމަށް އެމްޓީސީސީގެ ސީއީއޯގެ އާޒިމް އާދަމް ވިދާޅުވެއްޖެ އެވެ.

އޭނާ މި ވާހަކަ ހިއްސާކޮށްފައި ވަނީ ބައްޕަ އަބުދުއްރަޝީދުގެ ހަނަދާނުގައި ހުޅުމާލޭގައި ބިނާކުރި މިސްކިތް، "މަސްޖިދު ރަޝީދު" ރޭ ރަސްމީކޮށް ހުޅުވުމާ ގުޅިންނެވެ. ރޭ އިޝާ ނަމާދާ ދިމާކޮށް މިސްކިތް ހުޅުއްވައި ދެއްވީ ރައީސް އިބްރާހީމް މުއްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ރަސްމިއްޔާތުގައި އާޒިމްގެ އާއިލީ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. "މަސްޖިދު ރަޝީދު" އަކީ އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ބައްޕަގެ ކުންފުނި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) ހިލޭ ހުޅުމާލޭގައި އިމާރާތްކޮށް ދިން މިސްކިތެކެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަކީ އާރްސީސީގެ މިހާރުގެ ޗެއާމަނެވެ.

ބައްޕަގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވުމާ ގުޅިގެން އާޒިމް ވިދާޅުވީ މިސްކިތެއް ބިނާކުރުމަކީ ބައްޕަގެ އެންމެ ބޮޑު ހުވަފެން ކަމަށާއި އެކަން ހަގީގަތަކަށްވެގެން ދިއުމަކީ ވަރަށް ބޮޑަށް ޝުކުރުކުރައްވާ ކަމެއް ކަމަށެވެ.

ދެ ޖިންސްގެ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ހުޅުމާލޭ ނޭބަހުޑް ދޭއްގެ އަމީން އެވެނިއު ކައިރީގައި ތިން ބުރިއަށް އިމާރާތްކޮށްފައިވާ "މަސްޖިދު ރަޝީދު" އަކީ 1،200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެތަނުގެ ބިންގާ އެޅީ ޖެނުއަރީ 16، 2020 ގަ އެވެ.

އާ މިސްކިތް ހުޅުވުމާ އެކީ ނޭބަހުޑް ދޭއްގެ ވަގުތީ މިސްކިތް "މަސްޖިދުލް ފިތުޔާ" ގައި ނަމާދުކުރުން ވަނީ ހުއްޓާލައިފަ އެވެ.