Last Updated: April 19, 17:23
Friday, April 19, 2024
މުނިފޫހިފިލުވުން

ކަރަންގެ ޝޯ އިން ފެންނާނެ ތަރިންގެ ޕްރޮމޯއެއް

މި މަހުގެ 7 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ކަރަން ޖޯހަރްގެ ޗެޓް ޝޯ، "ކޮފީ ވިތު ކަރަން 7" އިން ފެންނާނެ މެހުމާނުންނާ އެކީ އޭގެ އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.

މި ސީޒަނުން ވެސް ފެންނަ ގިނަ ތަރިންނަކީ ކުރިން ވެސް ޝޯގެ ބައެއް ސީޒަންތަކުން ފެނިފައިވާ ތަރިންނެވެ. އޭގެ ތެރޭގައި ރަންވީރު ސިންގް އާއި އާލިއާ ބަޓާއި އަކްޝޭ ކުމާރާއި ސާރާ އަލީ ޚާނާއި ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރާއި އަނިލް ކަޕޫރާއި ވަރުން ދަވަނާއި ކްރިތީ ސެނަން ހިމެނެ އެވެ.

އަލަށް ޝޯ އިން ފެންނާނެ ތަރިންގެ ތެރޭގައި ޓައިގާ ޝްރޮފާއި ކިއާރާ އަދުވާނީ އާއި އަނަންޔާ ޕާންޑޭގެ އިތުރުން މަޝްހޫރު ތެލެގޫ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ސަމަންތޫ ރޫތު ޕްރަބޫ ހިމެނެ އެވެ. ވިޖޭ އަކީ ކަަރަންގެ ދަރުމާ އިން މި އަހަރު ގެމެސްދޭން ހަމަޖެހިފައިވާ "ލައިގާ" ގެ ބަތަލެވެ.

ބެލެވޭ ގޮތުން "ކޮފީ ވިތު ކަރަން 7" ގެ ފުރަތަމަ އެޕިސޯޑުން ފެންނާނީ ރަންވީރާއި އާލިއާ އެވެ. ޝޯގެ ކޮންމެ އެޕިސޯޑެއްގައި ވެސް ބައިވެރިވާނީ ދެ މެހުމާނުންނެވެ.

"ކޮފީ ވިތު ކަރަން" އަކީ 2004 ގައި ގެނެސްދޭން ފެށި އެއްޗެކެވެ. އަދި ކުރިން މި ޝޯ ދެއްކީ ސްޓާ ވޯލްޑުންނެވެ.